ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ކޮންޓްރޯލް ނުވެ، ގަޑިއަކު 300 މަރު!

މުޅި ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާ ކޮވިޑް-19 އިގެ ބަލިމަޑުކަން އަދިވެސް ކޮންޓްރޯލް ވެފައި ނުވާ ކަމަށާ ކޮންމެ ދުވަހަކު އެ ބަލީގައި އެތައްހާސް ބަޔަކު މަރުވަމުންދާއިރު، ރާއްޖޭގައި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންވެސް ބޯލަނބަން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއީލް އިލްތިމާސް ކުރައްވައިފި އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މުހައްމަދު އިސްމާއީލް ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އަދިވެސް ބައެއް ފަރާތްތަކުން ނަގަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ނުކުރަން އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ވިދާޅުވީ ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާއިރު މިހާތަނަށް އެ ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް އަދި ނެތް ކަމަށެވެ.

ދުވަހެއް ދުވަހަކަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރުވަމުންދާ ކަމަށާއި އިއްޔެ އެކަނިވެސް 86،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

"ދުނިޔޭގައި މިކަން [ކޮވިޑް19] ކޮންޓްރޯލް ކުރެވިގެނެއް އަދި ނުދޭ އެއްވެސް ގައުމެއްގައެއް. ދުވަހެއް ދުވަހަކަށް މިދަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން. މިދިޔަ ދެތިން ދުވަހަށް ބަލާއިރު 73،000 މީހުން އެއް ދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވެފައި އެބަހުރި. އިއްޔެ އެކަނި ވެސް 86،000 މީހުންވޭ ޕޮޒިޓިވްވެފައިވޭ. ގަޑިއިރެއްގެ ތެރޭގައި 200 ނޫނީ 300 އެއްހާ މީހުން ބަލީގައި ދުނިޔެ ދޫކުރަމުން އެބަ ގެންދޭ. މާނައަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން އަދި ކޮންޓްރޯލްކުރެވިފައެއް ނުވެއޭ. ދުވަހެއް ދުވަހަކަށް މިދަނީ ގޯސްވަމުންނޭ!" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނީ 19 މީހުނަށް ނަމަވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ ދުނިޔޭގައި ނުރައްކާ އޮތް މިންވަރު ބެލުމަށްފަހު އެވެ. މުހައްމަދު އިސްމާއީލް ވިދާޅުވީ ވީހާވެސް ގިނަ ވަގުތު ގޭގައި ހޭދަކޮށް، ރައްކާތެރިކަމަށްޓަކައި ހުރިހާ ރައްޔިތުންވެސް ފިޔަވަޅު އެޅުމަށް އެދި ވަޑައިގަންނަވާ ކަމަށެވެވެ.

ދުނިޔޭގައި މިކަން [ކޮވިޑް19] ކޮންޓްރޯލް ކުރެވިގެނެއް އަދި ނުދޭ އެއްވެސް ގައުމެއްގައެއް. ދުވަހެއް ދުވަހަކަށް މިދަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން. މިދިޔަ ދެތިން ދުވަހަށް ބަލާއިރު 73،000 މީހުން އެއް ދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވެފައި އެބަހުރި. އިއްޔެ އެކަނި ވެސް 86،000 މީހުންވޭ ޕޮޒިޓިވްވެފައިވޭ. ގަޑިއިރެއްގެ ތެރޭގައި 200 ނޫނީ 300 އެއްހާ މީހުން ބަލީގައި ދުނިޔެ ދޫކުރަމުން އެބަ ގެންދޭ. މާނައަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން އަދި ކޮންޓްރޯލްކުރެވިފައެއް ނުވެއޭ. ދުވަހެއް ދުވަހަކަށް މިދަނީ ގޯސްވަމުންނޭ،
ޑޮކްޓަރު މުހައްމަދު އިސްމާއީލް

މިދިޔަ ޑިސެންބަރު މަހު ފެތުރެން ފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގައުމަކަށް ބަލި ފެތުރި ރޭގެ ނިޔަލަށް މިލިއަނަކަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ ގިނަވީއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ބައި ލައްކަ ފަހަނައަޅާ ގޮސްފަ އެވެ. މިރެއާ ހަމައަށް 56،000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވެ އެވެ.

މިބަލި ޖެހުނު މީހުންގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައި ވާއިރު، މިހާރުވެސް ހަތް ލައްކައަށްވުރެ ގިނަ އަދަދެއްގެ މީހުން ދަނީ ބައްޔާ ހަނގުރާމަ ކުރަމުންނެވެ.

ވަރަށް މަދު ގައުމަކުން ނޫނީ ކޮވިޑް-19 ވަނީ ފެތުރިފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިއްސަކަށް ގައުމުން ނޫން އެހެން ހުރިހާ ގައުމަކުން މިހާރު ވަނީ ކޮވިޑް-19 އިގެ ބަލި މީހުން ފެނިފަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބައެއް ގައުމުތަކުގައި މި ބަލި ވަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން އިޓަލީ، އެމެރިކާ، ސްޕެއިނާއި ޖަރުމަން ފަދަ ގައުމުތަކުގައި މި ބަލި ދަނީ ހަލުއި ކަމާއެކު ފެތުރެމުންނެވެ. އެމެރިކާގެ 50 ސްޓޭޓުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކައަށްވުރެ އިތުރުވެފަ އެވެ. އަދި އިޓަލީ އާއި ސްޕެއިން އަދި ޖަރުމަނުން ވެސް ވަނީ ލައްކައަކަށް ވުރެ ގިނަ މީހުނަށް މި ބަލި ޖެހިފަ އެވެ.

ބައެއް ގައުމުތަކުން މި ބަލީގައި ދުވާލަކު 800 އެއްހާ މީހުން މަރުވެ އެވެ. އަދި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު މި ބައްޔަށް ޕޮޒިޓިވް ވެއެވެ.