ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާއަށް ތަކެތި ފޮނުވަން ދިގު ކިއުއެއް

ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ގިނަ އަދަދެއްގެ މީހުން ޖަމާވެއްޖެ އެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ.

އެގޮތުން ކޮންމެ ހަފްތާއަކު މޯލްޑިވިއަންގެ ފަރާތުން ލަންކާއަށް ކުރާ ކާގޯ ދަތުރުގައި ދިވެހިންނަށް ފޮނުވާ ތަކެތި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސްދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މީހުންނަށް ފޮރިން މިނިސްޓްރީން ވަނީ މިއަދު މެންދުރު 13:00 ކުރިން ފޮނުވަން ބޭނުންވާ ތަކެތި ގްރޭޓާ މާލެ ބަސް ޓާމިނަލަށް ގެނައުމަށް އެދިފައެވެ.

އެއާއެކު ހެނދުން ފެށިގެން ބޮޑު ކިއުއެއް ވަނީ ހަދާފައެވެ. މިހާރުވެސް އެތައް ބަޔަކު އެ ސަރަހައްދުގައި ތަކެތި ހަވާލު ކުރުމަށް ކިއުގައި އެބަ ތިއްބެވެ.

ކިއުގައި ގިނަ ވަގުތު އަވީގައި ތިބެންޖެހުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުރިއަށް އޮތްތާ ތަކެތި ފޮނުވާ މީހުންނަށް އެކި ވަގުތުތައް ކަނޑައަޅާ އެކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރުމަށް ބައެއް މީހުން ވަނީ ގޮވާލާފައެވެ.

"...ތަކެތި ގެނައުން މި އޮތީ ހެނދުން ފެށިގެން އެކެއެް ޖަހަންދެން. އަނެއްކޮޅުން މިނިސްޓްރީން އެޕްރޫވްވާ ބަޔަކަށް މި ފުރުސަތު މި ލިބެނީ، އެ ބޭފުޅުން ހުއްދަދޭ މިންވަރަކަށް. އެހެންވީމަ މެއިލް ކުރާއިރު އެކި މީހުންނަށް އެކި ގަޑި ހަމަޖައްސާނަމަ މި ތަކުލީފް ކުޑަވާނެ." ކިއުގައި ހުރި މީހަކު އަވަސްއާ ވާހަކަދަކަމުން ބުންޏެވެ.

ކޮންމެ އާދީއްތަ ދުވަހަކު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށްދާއިރު އެ ފުރުސަތު ކޮންމެ ހަފްތާއަކުވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށް ކަމަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެ ކަމަށާ އެ ތަކެތި ހަވާލުކުރާ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު އިއުލާނު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާއިރު ލަންކާއަކީ ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމެވެ.

އެ ގައުމުގައި 15000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. އަދި އެކި ބޭނުންތަކުގައި އަބަދުވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކޮށް އުޅެއެވެ.