ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި ކޮންމެ ހުކުރު ދުވަހަކު މުސްލިމު ފިރިހެނުން އަދާ ކުރާ ހުކުރު ނަމާދު ވެސް މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ކުރުން ވަނީ މެދުކަނޑާލައިފަ އެވެ. އެހެން ކަމުން މި ފެށުނު ހަފްތާގެ ހުކުރު ދުވަހުވެސް ޖަމާއަތް ނުހަދާނެއެވެ.
މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މިފަދަ ގޮތަކަށް ހުއްޓާލި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބައެއް އެހެން ގައުމުތަކުގައި ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް 19 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވާއިރު، އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ދިވެހިން ޕޮޒިޓިވްވާން ފެށުމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. މާލެ ސަރަހައްދުގެ މައިޒާންތަކާއި ޕާކްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި، ސިނާމާތަކާއި ކެފޭތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން މިހާރު ކޮންމެ ދުވަހަކު ތިން ގަޑިއިރުގެ ކާފިއުވެސް ހިންގައެވެ.