ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް މަޖިލީހަށް ފޮނުވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރުމަށާއި، އެ އިންތިހާބާގުޅޭ އެ ނޫން ވެސް ހާއްސަ އުސޫލުތަކެއް އެކަށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ. 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

މި ބިލްގައި ހިމެނިފައިވާ މުހިންމު ކަންކަމަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށާ އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް

  • ބިލް ފާސްވެ އަމަލު ކުރަން ފެށުމުން އިންތިހާބު ފަސްކުރެވުނީ
  • އިންތިހާބުގެ ކަންކަން ފަށަންޖެހޭނީ ދައުލަތުން މިހާރު އޮތް ހާލަތު ބަދަލުވެއްޖެ ކަމަށް ކަނޑައެޅުމުން
  • އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން
  • އިންތިހާބަކާ ނުލައި ހޮވުނު ކެންޑިޑޭޓުން ހުވާކުރާނީ އިންތިހާބުވާ ކައުންސިލަރުންނާއެކު
  • އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުންގެ ސަސްޕެންޝަން އުވޭނެ
  • މި މުއްދަތުގައި ސިވިލްސާވެންޓުންނަށް ކެންޕެއިންގެ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ
  • ކައުންސިލް އިންތިހާބު 6، ޖަނަވަރީ 2021 ގެ ކުރިން ބާއްވަން ޖެހޭ

އަދި ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށާ ވަކި ދާއިރާއަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު އިންތިހާބުވާ މެމްބަރުންނާ އެކު ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށާ ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑް ކުރެވެންދެން، އިންތިގާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020، ލަސްވެގެން، ޖަނަވަރީ 6، 2021 ގެ ނިޔަލަށް ބާއްވައި ނިންމަން ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.