ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރެވޭ ކަމަކުން 24 ގަޑިއިރުގެ ކާފިއުއަކަށް ދާންޖެހިދާނެ: ޑރ. މުރާދު

Apr 4, 2020
5

ކުރެވޭ އެއް ކަމެއްގެ ސަބަބުން ވެސް 24 ގަޑިއިރުގެ ކާފިއުއަކަށް ދާން ޖެހިދާނެ ކަމަށް ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި އުޅުއްވާ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 5:00 ން ރޭގަނޑު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގުމަށެވެ. އެ ވަގުތު ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވަނީ ވަކި ބަޔަކަށެވެ. އާންމުން މަގުތަކަށް ނުކުތުން އެ ތިން ގަޑިއިރު ބަންދުއިރު، އެ ވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެ ވަގުތުގައި ބޭރުގައި އުޅިގެން މިވީ ތިން ދުވަހު 400 އަށްވުރެ ގިނަ މީހުންނަށް ފުލުހުން ނަސޭހަތް ދީފައިވެ އެވެ. އަދި އޭގެ އިތުރަށް ކާފިއު ގަޑި ހަމަ ނިމޭއިރަށް ގިނަ ބަޔަކު އެކީގައި ގެއިން ބޭރަށް ނުކުންނަކަން ފާހަގަ ކުރެވެ އެވެ.

އެކަމަށް އިޝާރަތް ކުރައްވަމުން ޑރ. މުރާދު މިރޭ ވިދާޅުވީ ފެންނަ މަންޒަރަކީ ކާފިއު ނިމޭއިރަށް މަގުތައް މައްޗާއި ފިހާރަތައް ފުރޭ މަންޒަރު ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ކުރެވޭ ހަމަ އެންމެ ކަމަކުން ވެސް ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

"މި ގަޑި ނަގައިގަންނަންވީ މަޖުބޫރީއެއްގެ ގޮތަކު ނޫން، މިއީ އަޅުގަނޑުމެންނަށް ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަންވީ، އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން 24 ގަޑިއިރު މިފަދަ ބަންދަކަށް ނުދެވި މިއޮތީ ވެސް، އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ ހާލަތަކަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް،" ޑރ. މޫސާ މުރާދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވެސް މީގެކުރިން ވިދާޅުވި ގޮތުގައި އެންމެ މީހަކު ކުރާ ކަމަކުން ވެސް މުޅި ގައުމު ނުރަައްކަލުގެ ތެރެއަށް ވެއްޓިދާނެ އެވެ. "ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑު،" ކަން ފާހަގަ ކުރައްވަމުން މަބުރޫކު ވިދާޅުވި ގޮތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމެކެވެ. ފަރުވާކުޑަވެ، އަލާމާތްތަކަށް އަޅައިނުލައި ހުއްޓާ މުޅި ގައުމަށް ނުރައްކާ ފެތުރިގެން ހިނގައިދާނެ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ. ނަމަވެސް އަދިވެސް ރާއްޖެއަށް ކޮވިޑް-19 ފެތުރުމުގެ ބިރު ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.