ހަބަރު

އޭކަން އާއި ޕްރިޔާންކާ ޝޯ އަށް އަންނަކަން ޔަގީން: އަދީބު

މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ޝޯގައި އެމެރިކާގެ އާރްއެންބީ/ހިޕްހޮޕް ލަވަކިޔުންތެރިޔާ އޭކަންއާ އެކު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔާންކާ ޗޯޕްރާ ވެސް ބައިވެރިވާނެކަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދެންމެއަކު ޔަގީންކޮށް ދެއްވައިފި އެވެ.

މި ޝޯ ކުރިއަށް ގެންދެވުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަދީބު މިކަން ޔަގީންކޮށްދެއްވާފައި ވަނީ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ.

މި ޝޯ އަކީ އާ އަހަރު ފެށުމަށް ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުންގެ ނަމުގައި ކުރިއަށް ގެންދިޔަ ޝޯގެ ތެރެއިން އޭގެ ދެ ވަނަ އެޑިޝަނުގެ ގޮތުގައި އިއުލާނުކޮށްފައިވާ ޝޯ އެކެވެ. ސަލާމަތީ ފިޔަވަޅުތަނިކަން ވަރުގަދަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ޝޯ އަކީ އާންމުންނަށް ހިލޭ ވަދެވޭ ގޮތަށް ކުރިއަށް ގެންދާ ޝޯ އެކެވެ.

ޕްރިޔާންކާ އާއި އޭކަންގެ އިތުރުން މި ޝޯގައި ދިވެހި ދެ ފަންނާނަކު ވެސް ޕާފޯމްކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ޒުވާން ދެ ލަވަކިޔުންތެރިން ކަމުގައިވާ މީރާ އާއި ހިޕް-ހޮޕް ލަވަކިޔުންތެރިޔާ ސޮއްޕެ އެވެ.