ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ރިސޯޓްތަކުންނާއި، ސަފާރީތަކުން މީހުން ފޭބުން މަނާކޮށްފައި އޮތުމަށްފަހު އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ވުމުން ހަތަރު ރިސޯޓަކުންނާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފި އެވެ.
ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރު ކުރުމަކީ މަނާ ކަމެކެވެ. އަދި ސަފާރީތަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ ތަންތަނުގެ މުވައްޒަފުން ފޭބުމުގެ ހުއްދަ ދޭން ނިންމާފައި އޮތީ އެންމެ ފަހު ޓޫރިސްޓު ފުރާތާ 14 ދުވަސް ފަހުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ޓާކްސް ފޯހުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ މުވައްޒަފުން ފޭބުމަށް އޮތް ހާލަތަށް އައުމުން 15 ސަފާރީއަކާއި ހަތަރު ރިސޯޓަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެއީ މަލަހިނި ކުޑަ ބަނޑޮހާއި ކޮއްޓަފަރާއި ރަހާ ރިސޯޓް އަދި ފޯސީޒަން ޕްރައިވެޓް އައިލެންޑް ވޯވަށް އެވެ.
މީގެ އިތުރުން މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ދެ ރިސޯޓެއް ވެސް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެއީ ރިހިވެލި އަދި ކޮންސްޓެންސް މޫފުށި ރިސޯޓް އެވެ. އެ ތަންތަނުން އެކަހެރި ކުރަން ޖެހޭ މީހުން އެކަހެރި ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި މިހާތަނަށް ކަރަންޓީނުގައި ތިބީ 809 މީހުންނެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި 73 މީހުން ދޫކޮށްލާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ކަރަންޓީނުގައި ތިބި މީހުންގެ ފަރާތުން 187 ސާމްޕަލް މިހާތަނަށް ނަގާފައިވާއިރު 43 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ކުރެވިފަ އެވެ. ރާއްޖޭން ޕޮޒިޓިވްވި ދެ އިޓަލީ ޓޫރިސްޓަކު ބޭރުގައިވާއިރު، ރާއްޖޭގައި އެ ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ ހަތަރު ދިވެހިންނަށެވެ. ބަލިން މިހާތަނަށް ރަނގަޅު ކުރެވުނު 13 މީހުނަކީ ބިދޭސީންނާއި ޓޫރިސްޓުންނެވެ.