ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އަންނަ ހީނަރުކަމާ އެކު ވަޒީފާ ގެއްލޭ މީހުނާއި މުސާރަ އުނިކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ގާއިމުކޮށްފައިވާ ޕޯޓަލްއަށް ވަޒީފާގެ ހާލަތު ބަދަލުވެގެން 723 މީހަކު ޝަކުވާ ހުށަހަޅައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ޓާސްކް ފޯހުމުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ގާއިމު ކޮށްފައިވާ އެ ޖޮބް ޕޯޓަލްގައި މިހާތަނަށް 723 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 185 މީހުނަކީ ވަޒީފާއިން ކަނޑާލައިގެން ޝަކުވާ ހުށަހަޅާފައިވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވި މީހުންގެ ތެރެއިން އެންމެ ގިނައީ މޫސަރަ ނުލިބޭ ގޮތަށް ނުވަތަ ނޯޕޭއަށް ޗުއްޓީއަށް ފޮނުވާލާފައިވާ މައްސަލަތަކެވެ. އެ ގޮތުން މިހާތަނަށް 245 މީހަކު ނޯޕޭއަށް ފޮނުވާލައިގެން ޕޯޓަލް ރަޖިސްޓްރީކޮށްފައިވެ އެވެ.
މީގެ އިތުރުން މުސާރަ ކުޑަކޮށްފައިވާ 113 މީހުންނާއި ބައި ސެލެރީއަށް މުސާރަ ކުޑަކޮށްފައިވާ 72 މީހަކާއި ބޭސިކް ސެލެރީއަށް މުސާރަ ކުޑަކޮށްފައިވާ 44 މީހަކު ހިމެނެ އެވެ. ސަސްޕެންޑް ކޮށްފައިވާ 64 މީހަކު ވެސް ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 58 މީހަކު ވެސް ހިމެނެ އެވެ.
ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފިނަމަ އެ ކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އައުން މަނާކޮށްފައިވާއިރު ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތައް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެކަމާ ގުޅިގެން ރިސޯޓުތަކުގެ ވިޔަފާރި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއާއެކު މިހާތަނަށް 58 ރިސޯޓަކުން ގާތްގަނޑަކަށް 11،000 މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ޓީމް އިން ވަނީ ބުނެފަ އެވެ.
އިގްތިސާދު ދަށްވާތީ އެ ކަމުން އަރައިަތުމަށް ޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާ އިކޮނޮމިކް ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ. އޭގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިއަޑާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަރުތު ކުރެ އެވެ.