ބޮލީވުޑް

ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފްގެ "ބޫތު" ގުޅުން

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލް އަކީ ބޮލީވުޑްގެ މުޅިން އާ ލޯބީގެ ޖޯޑެވެ. އިންޑިޔާ ބަންދުކޮށްފައި އޮތަސް ދެ ތަރިންގެ ލޯތްބަކަށް ހުރަހަކަށް ނުވެ އެވެ. މި ގުޅުން ނޫނަސް ވިކީ އާއި ކެޓުރީނާގެ އެހެން ގުޅުމެއް ވެސް މިހާރު އެބަ އޮތެވެ. "ބޫތު" ގުޅުމެވެ. ނަމަވެސް މިއީ ރޫހާނީ އެއްޗެއްގެ ވާހަކައެއް ނޫނެވެ. ހަމައެކަނި "ބޫތު" މި ލަފުޒާ މި ދެ ތަރިންނާ ގުޅުމެއް އޮތީ އެވެ.

ވިކީ އެންމެ ފަހުން ކުޅުނު އަދި ބޮކްސް އޮފީހުގައި ފްލޮޕްވި ކަރަން ޖޯހަރް ޕްރޮޑިއުސްކުރި ފިލްމަށް ކިޔަނީ "ބޫތު" އެވެ. އަދި ކެޓުރީނާ އަލަށް ކުޅެން ފަށަން އުޅޭ ފަރްހާން އަހްތަރު ޕްރޮޑިއުސްކުރާ ފިލްމަށް ވެސް ކިޔަނީ "ޓެލެފޯނު ބޫތު" އެވެ. "ބޫތު"ގެ ގުޅުން މާނަކުރަނީ މިކަމަށެވެ.

ދެ މީހުން ވެސް "ބޫތު" ކިޔާ ފިލްމު ކުޅުމަކީ ހަމައެކަނި އިއްތިފާގެކެވެ. އެނޫން އެހެން އެއްވެސް ކަމެއް ނޫނެވެ. ވިކީ "ބޫތު" ކުޅެން ސޮއިކުރިއިރު އެ ފިލްމަށް ނަމެއް ނުކިޔަ އެވެ. ނަން ކީ މާ ފަހުންނެވެ. އަދި ކެޓުރީނާގެ ހޮރޯ-ކޮމެޑީ ފިލްމުގެ ނަން ވެސް އިއުލާން ކުރީ ހަމަ އެ ދުވަސްވަރު އެވެ. ކެޓުރީނާގެ "ޓޭލެފޯނު ބޫތު"ގައި ބަތަލުގެ ރޯލު ކުޅެނީ ސިދަންތު ޗަތުރްވޭދީ އާއި އިޝާން ހައްތަރް އެވެ.

ވިކީ އާއި ކެޓުރީނާގެ ލޯބީގެ ވާހަކަތައް ފުރަތަމަ ދެކެވެން ފެށުނީ އެވޯޑް ޝޯއެއްގައި ސްޓޭޖް މަތީގައި ހުރެ ވިކީ، ކެޓުރީނާގެ ކައިރީގައި ކައިވެންޏަށް އެހީމަ އެވެ. އޭނާ ކެޓުރީނާ އަށް ޕްރޮޕޯސްކުރީ ވަރަށް ފިލްމީ ސްޓައިލަކަށް "މުޖް ސޭ ޝާދީ ކަރޯގޭ" ލަވަ ކިޔައިގެންނެވެ. އެވަގުތު އޯޑިއަންސްގައި ކެޓުރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާނާއި ސަލްމާންގެ ކޮއްކޮ އަރްޕިތާ ވެސް އިނެވެ.

ވިކީ އާއި ކެޓުރީނާގެ ލޯބީގެ ވާހަކަތައް ކިތަންމެ ބާރަށް ދެކެވުނަސް އަދި ދެ ތަރިން އެކުގައި ވަރަށް ގިނަ ފިލްމީ ހަފުލާތަކާއި ޕްރެމިއާ ތަކުން ފެނުނަސް ނޫސްވެރިން ކައިރީގައި މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ. ވިކީ އެންމެ ފަހުން ދީފައިވާ އިންޓަވިއުގައި ވެސް ނޫސްވެރިއަކު މާ ގިނައިން އެ ވާހަކަ އަހަން ފެށީމަ ބުނީ އަމިއްލަ ވާހަކަތައް މީޑިއާގައި ކިޔައިދޭން ބޭނުން ނުވާ ކަމަށެވެ.