ދުނިޔެ

ފެންބޮޑުވުމުގެ ހާދިސާގައި ޖަޕާނުން ގެއްލުނު 24 މީހަކު އަދިވެސް ނުފެނޭ

Sep 12, 2015

މި ހާދިސާގައި ތިން މީހުން މަރުވެ 27 މީހަކު ވަނީ ޒަހަމްވެފައެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ވެރި ރަށް ޓޯކިޔޯގެ އިރު އުތުރަށް އޮންނަ ސަރަހައްދު ތަކަށެވެ. މި ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމުންގެ ގެދޮރު ވަނީ ސުންނާފަތި ވެފައެވެ. ފެންބޮޑުވި ދުވަހުގެ ރޭ އެ ސަރަހައްދުގެ ގިނަ މީހުން ހޭދަކުރީ ސަލާމަތުން ހުރި ގޭގޭގެ ފުރާޅުމަތީގަ އެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 6000 މީހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ސުންނާފަތި ވެފައިވާ ސަރަހައްދު ތަކުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

އިއްޔެ އެ ސަރަހައްދުގެ މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައި ވިޔަސް އަދި ވެސް ބޮޑު ބަޔެއްގައި އޮތީ ފެންބޮޑުވެފައެވެ. ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ޖަޕާނުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެއެވެ.