ހޮލީވުޑް

ފްލައިޓް ވެއްޓި ޓޮމް ކްރޫޒްގެ ފިލްމްގެ ދެ ޕައިލެޓުން މަރުވެއްޖެ

Sep 12, 2015

ޓޮމް ކްރޫޒް ކުޅެމުން އަންނަ ފިލްމެއް ކަމުގައިވާ "މީނާ" ގެ ޝޫޓިންގައި މަސައްކަތް ކުރަމުން ދިޔަ ޓީމެއް ކޮލަމްބިއާގެ ރަށަކުން މެޑަލިންއަށް ދަތުރު ކުރަމުން ދަނިކޮށް ފްލައިޓް ވެއްޓި ދެ މީހުން މަރުވެ އެކަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި މަރުވެފައިވަނީ އެމެރިކާގެ ޕައިލެޓެއް ކަމުގައިވާ އެލަން ޑޭވިޑްއާއި ކޮލަމްބިއާގެ ކާލޮސް ބާލް އެވެ. އަދި ޒަހަމްވެފައިވަނީ އިތުރު ޕައިލެޓެއް ކަމަށްވާ ޖިމީ ލީ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ވެއްޓިފައިވާއިރު އެއާ ޓްރެފިކް ކޮންޓްރޯލާސް އަށް އެއްވެސް އެމަޖެންސީއެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ޑްރަގްގެ ވިޔަފާރި ކުރި ޕަބްލޯ އެސްކޮބާއަށް މަސައްކަތް ކޮށްދިން ޕައިލެޓަކާއި ބެހޭގޮތުން ކުޅެމުންދާ މި ފިލްމްގެ ޝޫޓިންއަށް ޓޮމް ކްރޫޒް ކޮލަމްބިއާއަށް ގޮސްފައިވަނީ މިދިޔަ މަހުގައެވެ. ޓޮމް އެވަގުތު ފްލައިޓްގައި ނެތް ކަމުގައިވިޔަސް އޭނާއަކީ ވެސް ޓްރެެއިނިންގް ހަދާފައިވާ ޕައިލެޓެކެވެ.

މި ފިލްމު ޑައިރެކްޓްކުރީ ޓޮމް ކްރޫޒްގެ "އެޖު އޮފް ޓްމޯރޯ" ވެސް ޑައިރެކްޓްކުރި ޑަގް ލައިމަން އެވެ.