އޮބިޗުއަރީ

މޫމިނާ އަބްދުލް ގައްޔޫމް އަވަހާރަ ވެއްޖެ

Apr 6, 2020
8

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައިތާފުޅު މޫމިނާ އަބްދުލް ގައްޔޫމް މިއަދު އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 79 އަހަރެވެ.

އަދީލް ޖަލީލްގެ މަންމާފުޅު އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމާފުޅު، މޫނިނާ އަކީ ދިވެހި ބަހަށާއި އަދަބިއްޔާތަށާއި ދިވެހި ދައުލަތަށް އަދި ގަލޮޅު އަވަށަށް ވެސް ގިނަ ހިދުމަތްތައް ކޮށް ދެއްވި އިތްޒަތެރި ބޭފުޅެކެވެ.

ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަގާމު މޫމިނާ ފުރުއްވެވި އެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސަރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގަ އެވެ.

މޫމިނާ އަވަހާރަވިއިރު ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގަ އެވެ. އެކަމަނާގެ މޫނު ދެކެވަޑައި ގަތުމަށާއި، ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.