ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީތަކުގައި ތިބުމަށް ފަހު އެނބުރި މާލެ އަންނަ މީހުންގެ ފޮޓޯއާ ވީޑިއޯ ނަގާ އާންމު ނުކުރަން ކަމާބެހޭ ފަރާތްތަކުން އެދިއްޖެ އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނެފައިވަނީ އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީތަކުގައި ތިބެންޖެހޭ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި މާލެ އަންނަ މީހުން އެނގޭ ގޮތަށް ފޮޓޯއާ ވީޑިއޯ ނުނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިފައިވާ ކަމަށެވެ. އެފަދަ މީހުންގެ މޫނު އެނގޭ ގޮތަށް ފޮޓޯ ނެގުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ބުންޏެވެ.
ކަރަންޓީން ފެސިލިޓީތަކުގައި މިހާރުވެސް 1000 ވުރެ ގިނަ މީހުން އެބަތިއްބެވެ. އެއީ ރާއްޖެއިން ބޭރުން އައި ދިވެހިންނާ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. އެ މީހުންގެ ތެރެއިން މަދު ބަޔަކު މިހާތަނަށް ދޫކޮށްލާފައިވަނީ ކަރަންޓީންގައި ހޭދަކުރަންޖެހޭ މުއްދަތު ކަމުގައިވާ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކޮވިޑް19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.
އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީތަކުގައި ތިބުމަށްފަހު އެނބުރި މާލެ އަންނަ މީހުންގެ ފޮޓޯއާ ވީޑިއޯ ނަގާ އާންމު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އެދިފައިވާއިރު، އެފަދަ ބައެއް މީހުން ކަރަންޓީންގައި ތިބި މުއްދަތުގައި ފޮޓޯއާއި ވީޑިއޯވެސް އާންމު ކޮށްފައި ވެއެވެ. އަދި މީޑިއާއަށް އިންޓަވިއުވެސް ދީފައި ވެއެވެ.