މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޓީމާއެކު ހެޑް ކޯޗް މަރުޔާން ސެކްލޮސްކީ އިންޑިއާގެ ޗެންނާއީ ސިޓީއަށް ފުރައިގެން ދިޔައީ، އުފެދިފައިވާ ސުވާލުތަކެއްގެ މަތީގައި ތިބެގެންނެވެ. އިންޑިއާގެ އައި ލީގްގެ ޗެންނާއީ އެފްސީއާ ދެކޮޅަށް ކުޅެން މާޒިޔާ މާލެއިން ފުރުމުގެ ކުރިންވެސް، ޓެމިލްނާޑޫއަށް ވަނީ، ކޮވިޑް-19 ގެ ބިރުވެރިކަން ފެށިފަ އެވެ.
އެ ސްޓޭޓުންވެސް ދެމީހަކު ޕޮޒިޓިވްވެ، އިންޑިއާގެ 29 މީހުންނަށް އެ ބަލި ޖެހުނުކަން އިއުލާން ވެގެންދިޔައީ، މާޒިޔާއިން އިންޑިއާއަށް ފުރުމުގެ ކުރިންނެވެ. މާޒިޔާ އާއި ޗެންނާއީ ސިޓީގެ މެޗު ކުރިއަށް ގެންދެވިދާނެތޯ އިންޑިއާގެ މީޑިއާއިން އޮތީ ސުވާލު އުފައްދާފަ އެވެ. މެޗަށް މާޒިޔާ ފުރިފަހުން، ރާއްޖޭގައި ހުރި އިޓާލީގެ ފަތުރުވެރިއެއްގެ ގައިން ވައިރަހުގެ އަސަރު ފެނުމުން، މުޅި ގައުމު އެލާޓަށް ގެނެއެވެ. އޭއެފްސީ ކަޕުން ރާއްޖެއިން ވާދަ ކުރާ އަނެއް ޓީމު ޓީސީ ސްޕޯޓްސް ކުލަބުން ބަންގުލަދޭޝްއަށް ދަތުރު ކުރުމުން އެ ޓީމު ލަންކާގައި އެކަހެރި ކުރި އެވެ.
އޭރު އިންޑިއާ އިން އަންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައެއް ނެތެވެ. ސަލާމަތްތެރި ކަމާއެކު މާޒިޔާގެ ޓީމަށް މާލެ އާދެވުނު ނަމަވެސް މާލެ އާއި މާލޭގެ މި ސަރަހައްދު އޮތީ ކުރިން އޮތް މާހައުލެއްގައެއް ނޫނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ސެކްލޮސްކީވެސް އޭނާ ދިރިއުޅޭ އެޕާޓެމެންޓަށް ވަން ގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ގޭގައި މަޑު ކުރީ އެވެ.
"90 ޕަސަންޓް ހޭދަ މި ކުރަނީ ގޭގަ، ކިރިޔާވެސް ބޭރަށް ނުކުމެލަނީ ހެނދުނުގެ އެންމެ ކުރީކޮޅުގެ ވަގުތު، އެއީ އެންމެ މީހުން މަދު ވަގުތު ވީމަ،" ހުޅުމާލޭގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގައި ހުރެ، އަވަސް އާ ވާހަކަ ދައްކަމުން ސެކްލޮސްކީ ކިޔައި ދިނެވެ. "ކެއުން ވެސް ގިނަ ފަހަރަށް އޯޑަރު ކޮށްގެން ގެއަށް މި ގެންނަނީ,"
ސެކްލޮސްކީ ރާއްޖޭގައި ހުއްޓަސް، އޭނާގެ އާއިލާ ތިބީ އަމިއްލަ ގައުމު މެސަޑޯނިއާގައި ތާށިވެފަ އެވެ. ޔޫރަޕްގެ އެހެން ގައުމުތަކޭ އެއްގޮތަށް އެ ގައުމުގައިވެސް އޮތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފަ އެވެ. އެ ލޮކްޑައުންގައި އޭނާގެ އަންހެނުންނާއި ދަރިންތައް އެތިބީ މެސަޑޯނިއާގައި އެމީހުން ދިރިއުޅޭ ކުޑަކުޑަ ނޭބާހުޑްގައި ތާށިވެފަ އެވެ. ވައިރަސް ފެތުރެމުންދާ ސްޕީޑަށް ބަލައި މެސަޑޯނިއާއިން އެންމެ ބޮޑަށް ނުރައްކާތެރިކަން ތަހަންމަލު ކުރާނެ ދެ ހަފުތާ ކުރިމަތީގައި އޮތީ އެވެ.
"މެސަޑޯނިއާގެ ސިއްހީ މާހިރުން އަންދާޒާ ކޮށްފައި ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެ ކަމަށް،" ސެކްލޮސްކީ ކިޔައި ދިނެވެ. "ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ، އެއާޕޯޓްތައްވެސް މުޅިން ބަންދު ކުރާނެ ކަމަށް ބެލެވެނީ,"
މާޒިޔާއަށް ލީގް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު ދެން އޭނާ ކުރިމަތިލީ އެފްއޭ ކަޕަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފަހުން، މިދިޔަ މަހު އެފްއޭއެމުން އިއުލާން ކޮށްފައި ވަނީ، މިހާރު ކުރިމަތި ވެފައިވާ ހާލަތުގެ ސަބަބުން ސީޒަން މުޅިން ނިންމާލީ ކަމަށެވެ. އޭއެފްސީން ވަނީ، ކުލަބު މުބާރާތްތަކާއި ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް ޕޯސްޓްޕޯންޑް ކޮށްފަ އެވެ. އަލުން މެޗުތައް ކުޅެން ފެށޭނެ ތާރީހެއް ބުނަންވެސް ނޭންގެ އެވެ. ސެކްލޮސްކީ ބުނީި ފުޓްބޯޅައިގެ މިއޮތް ހާލަތާ މެދު ވިސްނުމަށް ވުރެ އާންމުންގެ ސިއްހީ ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.
"އޭއެފްސީ ކަޕާމެދު ނުވަތަ ފުޓްބޯޅައާ މެދު ވިސްނުމަށް ވުރެ އަހަންނަށް ހީވަނީ މިވަގުތަށް އެންމެ މުހިންމު ކަމަކީ އާންމުންގެ ސިއްހަތާ މެދު ވިސްނުންހެން،" އޭނާ ވާހަކަ ދެއްކި އެވެ. "އޭއެފްސީއަށްވެސް މިވަގުތު އެންމެ މުހިންމުކަމަކަށް ވެފައި ވަނީ އެކަންތައް، އެހެންވެގެން އެ ފިޔަވަޅުތައްވެސް އަޅާފައި އެވަނީ، އަހަރެމެން އެންމެންވެސް ޖެހޭނެ އެކަން ގަބޫލު ކުރަން,"
ލޮކް ޑައުންގައި ކޮންކަމެއް ކުރަނީ؟
އާންމު ހާލަތުގައި އޭނާގެ މުޅި ދިރިއުޅުން ބިނާ ކޮށްފައި ވަނީ ފުޓްބޯޅައިގެ މަސައްކަތަށެވެ. މާޒިޔާގެ ޕްރެކްޓިހަށް، ބަހުގައި މާލެ އައިސް ގޮސް ހެދުމަށާއި ޕްރެކްޓީހުގައި ހޭދަ ކުރާ ވަގުތާއެކު އަމަލީ ގޮތުން ފުޓްބޯޅައިގައި ގިނަ ވަގުތެއް ހޭދަ ކުރަނީ ގެއިން ބޭރުގަ އެވެ. ގޭގައި އުޅޭ ވަގުތުގައި މެޗުގައި ހެދުނު މިސްޓެކުތައް ރަނގަޅު ކުރުމަށް ވީޑިއޯ އެނަލިސިސް ހެދުމާއި، ކުރިއަށް އޮންނަ މެޗުގައި އިދިކޮޅަށް ނުކުންނަ ޓީމު ކުޅެފައިވާ މެޗުތައް ބަލައި އެނަލިސިސް ހެދުމަށް ގިނަ ވަގުތެއް ހޭދަ ކުރާ ކަމަށް އޭނާ ބުންޏެވެ.
އެހެން މީހުންނެކޭ އެއްގޮތަށް އޭނާގެ ދިރިއުޅުން މިހާރު ތަފާތު ވެއްޖެ އެވެ. ކުރިމަތީގައި އިތުރު މެޗެއް ނެތެވެ. އެހެންވެ ގޭމް ޕްލޭނިންއާއި މެޗު ޓެކްޓިސްކްސް ރޭވޭކަށް ނެތެވެ. އޭނާ ބުނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން މިވަގުތު މާ މުހިންމެވެ.
"އެންމެ ގިނައިން ކުރެވޭ ކަމަކީ އާއިލާއާ ރަށްޓެހިންނާ ވާހަކަ ދެއްކުން، ދެން ވަރަށް ގިނައިން މިޔުޒިކް އަޑުއަހާލަން ވަގުތު ހޭދަ ކުރެވޭ، ކޮންމެ ދުވަހަކުވެސް ކުރިން ކުޅެގައި ހުންނަ މެޗުތައް ބަލާލަން," ލޮކްޑައުންގައި ގޭގައި ހުރެގެން ކުރަނީ ކޮންކަމެއްތޯ އެހުމުން ސެކްލޮސްކީ ކިޔައި ދިނެވެ.
ދޭ އިރުޝާދުތަކަށް އަމަލު ކުރުން ވަރަށް މުހިންމު
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަތާ މަހެއް ވީ އެވެ. އެހެންނަމަވެސް ހީ ކުރިވަރުގެ ބަދަލެއް މަގުތަކަށް ނާދެ އެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ. ސެކްލޮސްކީ ވަނީ ސިއްހީ ދާއިރާއިންދޭ އިރުޝާދުތަކަށް އަމަލު ކުރުމުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ.
"މުޅި ދުނިޔޭގައިވެސް ސިއްހީ ދާއިރާގެ މުވައްޒަފުން ދަނީ ބުރަ މަސައްކަތެއް ކުރަމުން، އެމީހުން އެހާ ބުރަކޮށް މަސައްކަތް ކުރަނީ ހަމަ އަހަރެމެން އެންމެންނަށްޓަކައި، ދެން އެމީހުން އަހަރެމެން ކައިރީ މިވެނި ކަމެއް ކުރަން އިރުޝާދު ދިނީމަ އެކަން ނުކުރަންވީ ސަބަބެއް ނެތް،" ސެކްލޮސްކީ ބުންޏެވެ.
"އަހަރެމެން އެންމެ ގޭގައި ތިބުމަށް އެމީހުން ބާރު އަޅަނީ އަހަރެމެންގެ ރައްކާތެރި ކަމަށްޓަކައި، އަހަރެމެންނަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކީ އެމީހުން ދޭ އިރުޝާދުތަކަށް ބޯލެނބުން."