ދުނިޔެ

ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަކުރި އެސްޓްރޮނޯޓް އެނބުރި ބިމަށް

Sep 12, 2015

އުމުރުން 57  އަހަރުގެ ޕަޑަލްކާ އެންމެ ފަހުން ޖައްވަށް ކުރި ދަތުރުގައި 168 ދުވަސް ހޭދަކުރިއެވެ. ޖުމްލަ ފަސް ދަތުރު މަތިން މިހާރު އޭނާ ޖައްވުގައި ހޭދަކުރި ދުވަހުގެ އަދަދަކީ 879 ދުވަހެވެ. މިއީ ކުރިން މި ރެކޯޑް އޮންނަ ރަޝިޔާގެ އެސްޓްރޮނޯޓަށް ވުރެ ދެމަސް ދުވަސް އިތުރު މުއްދަތެކެވެ.

ޕަޑަލްކާއާއެކު މި ދަތުރު ނިންމާލުމައްފަހު އެނބުރި އައީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ އިތުރު ދެ މެންބަރުންނާއެކުއެވެ. ރައްކާތެރިކަމާއެކު އެމީހުން ދަތުރުކުރި ޖއްވީ އުޅަނދު ވަނީ ކަޒަކިސްތާނަށް ޖައްސާފައެވެ.

މި އުޅަނދު ޑިޒައިން ކޮއްފައި ވަނީ ދުނިޔޭގެ ސަތަހައަށް ވަނުމައްފަހު ވައި ކުޑައެއްގެ އެހީގައި ދުނިޔެއަށް ޖައްސާ ގޮތަށެވެ. މިތިން ފަޅުވެރިން އެނބުރި ދުނިޔެއަށް އައުމުން މިހާރު އައިއެސްއެސްގައި ތިބޭނީ ހަ މީހުންނެވެ. އޭގެ ތެރޭގައި ބާރަ މަސް ދުވަހުގެ މިޝަންއެއްގައި ގޮސް ހުރި ރަޝިޔާގެ އެސްޓްރޮނޯޓެއް ހިމެނެއެވެ. ބާރަ މަސްދުވަސް ހަމަކުރެވިއްޖެ ނަމަ އޭނާ ވެގެންދާނީ އެއްދަތުރެއްގެ މަތިން ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހާއަށެވެ.

ޕަޑަލްކާއަކީ ކުރިން ރަޝިޔާގެ އެއާ ފޯސް ޕައިލެޓެކެވެ. އޭނާ ފުރަތަމަ ޖައްވަށް ދަތުރުކުރީ 1998 ގައި ރަޝިޔާގެ މީރް ސްޕޭސް ސްޓޭޝަނަށެވެ. ޕަޑަލްކީއަކީ އައިއެސްއެސް ގެ ކޮމާންޑަރުކަން ހަތަރު ފަހަރު ކުރި ހަމައެކަނި މީހާއެވެ.