ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުގައި، 183 މީހަކު މިއަދު ހިފަހައްޓާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މާލޭގައި ކާފިއުގެ ގޮތުގައި އިއުލާން ކޮށްފައިވަނީ، ހަވީރު 05:00 އިން ރޭގަނޑު 08:00 އަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ޓާކްސް ފޯހުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ މިއަދު ކާފިއުގެ ވަގުތުގައި މާލޭގައި އުޅުނު 183 މީހަކު ހިފަހައްޓާފައި ވާކަމަށެވެ. މިއީ 150 ދިވެހިންނާއި 33 ބިދޭސީންނެވެ. މި އަދަދު މިއަދު ވަނީ ރޭގެ އަދަދަށް ވުރެ އިތުރުވެފަ އެވެ. ރޭ ހިފަހައްޓާފައިވަނީ 122 ދިވެއްސަކާއި 17 ބިދޭސީ އެކެވެ.
ކާފިއުގެ ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާ ކުރަނީ ދެ ފަހަރަށް ނަސޭހަތްދީ އަދި އިންޒާރަށާއި ފުލުހުންގެ ރެކޯޑަށް ބަލައިފަ އެވެ.
މި ވަގުތުގައި މަގުތައްމަތީ މީހުން އުޅުން އިތުރުވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ކާފިއުގެ މި ވަގުތު އިތުރު ކުރަން ޖެހިދާނެ ކަމަށްވެސް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ވަނީ 19 މީހަކު ޕޮސިޓިވް ވެފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ރާއްޖޭން ފުރާފައިވާއިރު ބާކީ ހުރި 17 މީހުންގެ ތެރެއިން 13 މީހަކު މިހާރު ރަނގަޅުވެފަ އެވެ.