ބޮލީވުޑް

"ޗަޕާކް" އުފެއްދީ ހިނގާނެ ކަމަށް ބަލައިގެނެއް ނޫން: ވިކްރާންތު

ވިކްރާންތު މެސީގެ އެކްޓިން ކެރިއަރު ފެށީ ޓީވީންނެވެ. "ދަރަމްވީރް" އާއި "ބާލިކާ ވަދޫ" ފަދަ ސިލްސިލާތަކުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން ޑިޖިޓަލް ފިލްމުތައް ވެސް ކުޅުމަށްފަހު ބޮލީވުޑް ފިލްމުތައް ކުޅެން ފަށައި މިހާތަނަށް ހައިރާން ވާވަރުގެ ރަނގަޅު ކާމިޔާބެއް އޭނާ ވަނީ ހޯދާފަ އެވެ.

ދާދިފަހުން ރިލީޒްކުރި ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ޗަޕާކް" ގައި ވިކްރާންތު ވަނީ ދީޕިކާ ޕަދުކޯން އާއެކު ބައިވެރި ވެފައެވެ. ނަމަވެސް އެ ފިލްމަކަށް ބޮކްސް އޮފީހުގައި މާ އެދެވޭ ކާމިޔާބެއް ނުހޯދުނެވެ.

ވިކްރާންތު ބުނި ގޮތުގައި ފިލްމު އުފައްދަމުން ދިޔައިރު ވެސް "ޗަޕާކް" ގެ ޓީމަށް އެ ފިލްމު ބޮކްސް އޮފީހުގައި މާ ރަނގަޅަށް ނުހިނގާނެ ކަމަށް ހީވެފައި އޮތް ކަމަށެވެ.

"އަހަރެމެންނަށް ފިލްމުގެ ކަލެކްޝަން އެހާ ރަނގަޅު ނުވެދާނެކަން. އެ ފިލްމަކީ ވިޔަފާރިއެއް އުފެއްދި ފިލްމެއް ނޫން. ނަމަވެސް ޑިޖިޓަލް ޕްލެޓްފޯމާއި އެނޫންވެސް ފަރާތްތަކުގެ އެހީތެރިކަމާއެކު އަހަރެމެން ޓާގެޓްކުރި އޯޑިއަންސަށް ފިލްމު ދެއްކުނު،" ވިކްރާންތު ބުންޏެވެ.

ވިކްރާންތު، 33، ދެކޭ ގޮތުގައި އޭނާގެ މަސައްކަތް ބަލައިގަތުމާއި މަސައްކަތް ދިނުމުގައި އިންޑަސްޓްރީ މީހުން އޭނާއަށް ވަރަށް އިހްސާންތެރި އެވެ.

"ލުޓޭރޭ" ގައި ވެސް ބައިވެރިވި ވިކްރާންތު ބުނީ ޓީވީން ކެރިއަރު ފެށި މީހަކަށް ފިލްމު ޕްރޮޑިއުސަރުން އިތުބާރުކޮށް ފިލްމުތައް ކުޅެން ދޭނީ އެމީހުން އޭނާގެ މަސައްކަތް ބަލައިގަންނާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ބައެއް ފިލްމުތަކުގައި އަހަރެން ކުޅެފައިވަނީ ބަތަލުގެ އެކުވެރިޔެއްގެ ރޯލު. އެ ފިލްމުތަކުން އަހަރެން ފެނިގެން މެގްނާ ގުލްޒާރު، ޒޯޔާ އަޚްތަރު، ކޮންކޮނާ ސެން ޝަރުމާ ފަދަ ޑައިރެކްޓަރުން އެ މީހުންގެ ފިލްމުތަކުގެ ލީޑް ރޯލު އަހަންނަށް ދީފައިވަނީ. އެހެންވެ މި ބުނަނީ އިންޑަސްޓްރީން އަހަންނަށް ވަރަށް ހެޔޮކޮށޭ ކަންތައް ކުރަނީ،" ވިކްރާންތު ބުންޏެވެ.

ވިކްރާންތު ބުނީ އިންޑިޔާ 21 ދުވަހަށް ބަންދު ކުރުމުން ގޭގައި ހުރިހާ ވަގުތެއް ހޭދަކުރަން ޖެހުނަސް ފޫހި ނުވާ ކަމަށާއި ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔާ ކުޅެން ބޭނުންވާ ފިލްމުތައް ފައިނަލް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެންގޭޖްވެ ކައިވެނި ކުރަން ތައްޔާރުވަމުންދާ ލޯބިވެރިޔާ ޝީތަލް ތާކޫރް އާއެކު ގިނަ ވަގުތު ހޭދަކުރަން ލިބި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ވެސް ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.