"ނޯޓްބުކް" ކިޔާ ވަރަށް ރީތި ފިލްމެއްގައި ވެސް ނޯހް އާއި އެލީ އެކުއެކުގައި މަރުވާތަން ފެނެ އެވެ. ހަމަ އެގޮތަށް އެމެރިކާގެ ފްލޮރިޑާގެ ދެމަފިރިން މަރުވީ ހަ މިނިޓުގެ ތަފާތަކުންނެވެ. މިއީ "އިންޓަނެޓު ރޮއްވާލި" ހާދިސާއަކަށް ވެފައިވަނީ މި ދެމަފރިން އުޅެފައިވާ ލޯބި ދިރިއުޅުމުގެ ވާހަކަތައް އެނގުމުންނެވެ.
ސުޓުއާޓް ބޭކާ، 74، އާއި އަންހެނުން އެޑްރިއަން ބޭކާ، 72، މަރުވިއިރު ދެމަފިރިންގެ ކައިވެންޏަށް 51 އަހަރު ވެއްޖެ އެވެ. އެމީހުންގެ އާއިލާގެ މެމްބަރުންނާއި ދަންނަ އެންމެން ވެސް އެ ދެމަފިރިން ސިފަ ކުރަނީ ވަކިނުވެވޭ ވަރުގެ ގުޅުމެއް އޮންނަ ދެ މީހުންގެ ގޮތުގަ އެވެ.
މިދިޔަ ހަފުތާގައި ދެމަފިރިން މަރުވީ ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެންނެވެ. އެކަކު މަރުވިތާ ހަ މިނިޓް ތެރޭގައި އަނެކަކު ވެސް މަރުވީ އެވެ.
އެމީހުންގެ ފިރިހެން ދަރިފުޅު ބަޑީ ބޭކާ ވަނީ އޭނާގެ މައިންބަފައިންނަށް ދިމާވި މި ބަދުނަސީބު ގޮތް ސީއެންއެން އަށް ކިޔައިދީފަ އެވެ. ބަޑީ ބުނީ މި ވާހަކަތައް ހިއްސާކުރުމުގެ މަގްސަދަކީ ކޮވިޑް-19 އަށް މީހުންގެ ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.
ބަޑީ ބުނި ގޮތުގައި އޭނާގެ މައިންބަފައިން ބަލިވާން ފެށީ މާޗްގެ މެދެއްހާ ހިސާބުގަ އެވެ. ނަމަވެސް ގޭގައި ކަރަންޓީނު ވެގެން ތިބުމަށް އެމީހުންނަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދިނެވެ. ދުވަސްކޮޅެއް ފަހުން ބަޑީގެ ބައްޕަ މާ ބޮޑަށް ބަލިވާން ފެށުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. މަންމަގެ ހުން ނެތީމަ ހޮސްޕިޓަލުގައި ނުބާއްވާ ކަމަށާއި އެ މީހުން މުޅިން ރަނގަޅުވާނެކަމުގެ ފުރިހަމަ ޔަގީންކަމުގައި އާއިލާއިން ތިބިކަމަށް ބަޑީ ބުންޏެވެ.
ބަޑީ ކިޔައިދިން ގޮތުގައި ކުއްލިއަކަށް އެއް ދުވަހު ހޮސްޕިޓަލުން ގުޅާފައި އޭނާގެ ބައްޕަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ވާހަކަ އާއި ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ބުންޏެވެ. ނަމަވެސް ބައްޕަ އެހާ ބަލިވި ވާހަކަ އާއިލާގެ މީހުން މަންމަ ކައިރީގައި ނުބުނެ މަންމަ ޓެސްޓް ކުރަން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ބަޑީ ބުނި ގޮތުގައި ޑޮކްޓަރުން އޭނާގެ މަންމަ ބަލާފައި މަންމަގެ ހަށީގަނޑުގައި އޮކްސިޖަން ލެވެލް ވަރަށް ދަށް ކަމަށާއި މަންމަގެ ފުރާނައަށް ވެސް ނުރައްކާ ކަމަށް ބުންޏެވެ.
އެ ދެ މީހުންގެ ވެސް އޯގަންތައް ފެއިލްވަމުންދާކަން އެނގިގެން ބަލި މީހުންނަށް ފަރުވާ ދޭ ޚާއްސަ ތަނަކަށް އެ މީހުން ބަދަލު ކުރަން ބަޑީ އާއި އާއިލާއިން ނިންމި އެވެ. އަދި އެތަނުގައި ދެ މީހުންނަށް އެއް ކޮޓަރީގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސި އެވެ. އަދި އެމީހުންގެ ހަށިގަނޑަށް އަރާމު ދިނުމުގެ ގޮތުން ވެންޓިލޭޓަރުން ނަގައި އެ މީހުން ރީތިކޮށް އެނދުގައި ބޭއްވި އެވެ. އެކަކު މަރުވިތާ އެންމެ ހަ މިނިޓް ތެރޭ އަނެކަކު ވެސް މަރުވީ އެވެ.
ބަޑީ ބޭކާ ވަނީ ކޮރޯނާވައިރަހަކީ ސީރިއަސް ބައްޔެއްކަން އެންމެން ވެސް ގަބޫލުކޮށް ގިނަގިނައިން އަތް ދޮވެ މީހުންނާ ދުރުހެލިކޮށް އުޅުމަށް އިލްތިމާސް ކޮށްފަ އެވެ.