ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަޕާނުގައި ކުއްލި ހާލަތު އިއުލާނު ކުރަނީ

Apr 7, 2020

ޓޯކިޔޯ (އޭޕްރީލް 7) - ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާއެކު އިތުރު ހަ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާނު ކުރަން އެ ގައުމުން ނިންމައިފި އެވެ.

އެހެން ގައުމުތަކަށް އަޅާބަލާއިރު، ޖަޕާނުގައި ކޮވިޑް-19 ގެ ކޭސްތައް ނިސްބަތުން މަދު ނަމަވެސް، ޓޯކިޔޯގައި އެ ބަލި ފެތުރޭ މިންވަރު މިފަހުން ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ ހަފްތާގައި ހުރި އަދަދު ދެ ގުނަވެ، ޓޯކިޔޯގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،000 އަށް ވުރެ މަތިވެފަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސިޓީގައި އެ ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް، މިއަދުން ފެށިގެން ޓޯކިޔޯ އަދި އޮސާކާ ފަދަ ބޮޑެތި ސަރަހައްދުތަކުގައި އެއް މަހަށް ކުއްލި ހާލަތު އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.

އަދި ކުއްލި ހާލަތުގެ ދަށުން، އެ ސިޓީތަކުގައި ސްކޫލުތަކާއި ވިޔަފާރިތައް ބަންދުކުރަން އެންގުމުގެ ބާރު އެ ސަރަހައްދުތަކުގެ ގަވަރުނަރުންނަށް ލިބޭނެ އެވެ. އެހެނަސް، މީހުން ގޭގައި ތިބެން އެންގުމުގެ ބާރެއް ކުއްލި ހާލަތުގެ ދަށުން ނޯންނާނެ އެވެ.

ޖަޕާނުގައި އެ ބަލި ޖެހިގެން މިހާތަނަށް 85 މީހުން މަރުވެފައިވާއިރު، ޓޯކިޔޯގައި ކުއްލި ހާލަތު އިއުލާނުކުރަން މިހާރުވެސް މާބޮޑަށް ލަސްވެފައިވާކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ޖަޕާނުގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް، 900 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.