މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވުމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން ރައީސް އަދި އެހެން މުއައްސަސާއަކުން ވެސް ކައުންސިލަރުން ނުވަތަ ކައުންސިލްތައް ހިންގަން ބަޔަކު އައްޔަން ކުރުން ވެގެން ދާނީ ގާނޫނު އަސާސީ ފުނޑާލުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ޖެހިފަ އެވެ.
މިހާރު ގާނޫނުގައި އޮތް އެންމެ ލަސް ތާރީހަށް އިންތިހާބު ފަސްކޮށްފައިވާއިރު، އިތުރަށް ފަސް ކުރަން ބޭނުންވާ ހާއްސަ ގާނޫނުގެ ބިލާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
ނަމަވެސް މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. އަދި ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ރައީސް އައްޔަން ކުރައްވާ ބަޔަކު ވަގުތީ ގޮތުން ކައުންސިލްތައް ހިންގުމަށް ބައެއް މެންބަރުން ހިޔާލު ފާޅު ކުރެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ދެއްކެވި ވާހަކައާ ގުޅިގެން މެންބަރު ޝަރީފު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކައުންސިލަރުން އައްޔަން ކުރުމުގެ ވިސްނުމަކީ ގާނޫނު އަސާސީ "ފުނޑާލުން" ކަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް ވިސްނުންތަކާ ވެސް މުޅިން ހިލާފު ވިސްނުމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަކީ ވެސް އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ އިންތިހާބު ބޭއްވެން ދެން އޭރު އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުގައި ތިބެވޭ ގޮތް ހެދުން ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް މުޖުތަމައުގައި ވެސް އަމަލު ކުރަނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ދެން އިޝާރާތް ކުރެއްވީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާއަށެވެ. އެ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ނުބޭއްވޭ ވަރަށް ކުއްލި ހާލަތެއް ގައުމަށް މެދުވެރިވެއްޖެނަމަ މަޖިލީހަށް ހުށަހެޅޭ ގަރާރެއް ފާސްކޮށްގެން މަޖިލީހުގެ އިންތިހާބު އަހަރަކަށް ވުރެ ކުރު ނޫން މުއްދަތަކަށް ފަސްކޮށް މެންބަރުންގެ ދައުރު ފަސް ކުރެވޭނެ ކަމަށެވެ.
އެހެންކަމުން ކައުންސިލަރުންގެ ދައުރު ދިގުނުކޮށް އިންތިހާބު ނުކުރާ ބަޔަކު ކައުންސިލްތަކަށް އައްޔަންކޮށް ކައުންސިލް ހިންގުމަކީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށާއި އެ ވިސްނުން ދޫކޮށްލުމަށް ޝަރީފު ގޮވާލެއްވި އެވެ.
ޝަރީފުގެ ވާހަކައަށް ފަހުގައި އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ ކައުންސިލަރުން އައްޔަން ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަަރު ރޮޒައިނާ އާދަމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހަސަން ލަތީފު ވަނީ މިހާރު ހުށަހެޅިފައިވާ އިންތިހާބު ފަސް ކުރުމުގެ ހާއްސަ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. މިހާރުގެ ކައުންސިލަރުންގެ ދައުރު ހަމަވެ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އަމަލު ކުރާނެ ގޮތްތަކެއް އެ ގާނޫނުގައި ހިމަނައިގެން ހައްލެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.