ފިނިޕޭޖް

ތޭރަވާ ވާސަސް ޣަޒަލޭ: އަލީ ރަމީޒަށް ވުރެ މޮޅީ ކާކު؟

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒަށް ޓްރިބިއުޓެއް ނުދީ މި ދެ ލަވަކިޔުންތެރިންގެ ވާހަކައެއް ދެއްކޭކަށް ނެތެވެ. ސަބަބަކީ އަލީ ރަމީޒު ވަރެއް ނެތޭ، އަލީ ރަމީޒު ވަރެއް ނުދެކެމޭ ނުވަތަ އަލީ ރަމީޒުގެ އަޑުހާ ހިތްގައިމު އަޑެއް ނާހަމޭ އަދި އެހާ ރީއްޗަށް ލަވަކިޔާ ދެ ވަނަ ދިވެއްސަކު ދެން ނުވެސް އަންނާނޭ ކަމަށް ދިވެހިން ބުނާތީ އެވެ.

ލަވަކިޔުމުގެ ދާއިރާ އިން ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ ހުސެއިން އަލީ ވެސް ގަބޫލުކުރަނީ ހަމަ މިގޮތަށެވެ. އެހެންވީމަ އެންމެ ކުޅަދާނަ ނުވަތަ އެންމެ މޮޅު ދިވެހި ލަވަކިޔުންތެރިޔާގެ ޝަރަފް ހުސެއިން އަލީ އާއި ތޭރަވާ މުހައްމަދު އަބްދުލް ޣަނީ އަށް ދިނުމަށް ބަހުސެއް ކުރިއަށް ގެންދިއުން އިންސާފުވެރިއެއް ވެސް ނުވާނެއެއް ނޫން ހެއްޔެވެ؟

"ކުރުކޮށް ބުނަންޏާ އަލީ ރަމީޒަކީ ރާއްޖޭގައި އުފެދުނު ސޯނޫ ނިގަމްއެއް. ކޮންމެ ކަހަލަ ލަވައެއް ކިޔަސް ބަލައިގަނެވޭނެ. އަޑު ވެސް އެހާ ރީތި. ހާއްސަކޮށް މަހުރަޖުން ކިޔަން ޖެހޭ އަކުރުތަކަށް ވަރަށް މޮޅު،" އަލީ ރަމީޒުގެ ލަވަކިޔުމުގެ ގާބިލުކަމަށް ތައުރީފު އޮއްސަމުން ހުސެއިން އަލީ ބުނެފައި ވަނީ މިހެންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލީ ރަމީޒު ފަދަ ލަވަކިޔުންތެރިއެއް ނުވެސް އުފެދޭނެ ކައިރި މުސްތަގުބަލެއްގައި."

ފަހަރެއްގައި އެއީ ތެދެކެވެ. ނަމަވެސް އަލީ ރަމީޒު ނެތްތަން ފޫބައްދަން ވެސް ޖެހޭނެ ނޫން ހެއްޔެވެ؟ ހުސެއިން އަލީގެ ހިޔާލުގައި އަލީ ރަމީޒާ އެންމެ ގާތްކުރާ ލަވަކިޔުންތެރިޔަކީ މިއަދުގެ އެއް ހޮވުން ކަމުގައިވާ ތޭރަވާ އެވެ.

"އަލީ ރަމީޒުއާ ވަރަށް ގާތްކުރާ ލަވަކިޔުންތެރިއެއް މިއީ، އެކި ވައްތަރުގެ ލަވަތައް ކިޔަން. ވަރަށް ގިނަ ޓޯންތަކަށް ލަވަކިޔާ ލަވަކިޔުންތެރިއެއް ތޭރަވާ އަކީ،" ހުސެއިން އަލީ ބުންޏެވެ.

"އޭނަގެ އަޑުގެ ޓޯން ހުންނަ ގޮތުން ވެސް އަޅައިގަންނަ ގޮތް ހުރޭ. އަލީ ރަމީޒު ނެތީމަ މިހާރު އެންމެ ރަނގަޅަށް ލަވަކިޔާ އެކަކު ތޭރަވާ އަކީ."

 

މިހައި ހިސާބުން އެންމެ މޮޅު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ލަވަކިޔުންތެރިޔާ އަލީ ރަމީޒު އާއި އޭނާގެ މަގާމު ރިޕްލޭސްކޮށްފައިވާ ލަވަކިޔުންތެރިޔާއޭ ބުނެވޭ ތޭރަވާގެ ހިޔާލު ވެސް މިކަމުގައި ހޯދާލަމާ ހިނގާށެވެ.

އަލީ ރަމީޒުގެ މަގާމު ހައްގު ވަނީ ތޭރަވާ އަށް ކަމަށް ހުސެއިން އަލީ ބުންޏަސް އަދި މިއަދު އަލީ ރަމީޒުގެ މަގާމުގައި ހުރި ލަވަކިޔުންތެރިޔަކީ ތޭރަވާ ކަމަށް އެހެން ބަޔަކު ބުންޏަސް އެކަން އޭނާ ގަބޫލެއް ނުކުރެ އެވެ. އަދި އެހެން ވާހަކައެއް ވެސް އެބައޮތެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔަކީ އަލީ ރަމީޒު ކަމަކަށް ވެސް ތޭރަވާ ގަބޫލެއް ނުކުރެ އެވެ.

"ރާއްޖޭގައި މިހާތަނަށް އުފެދުނު ލަވަކިޔުންތެރިންނާ އަޅާ ބަލާއިރު އާދަޔާހިލާފެއް ނޫން (އަލީ ރަމީޒު). އެކަމަކު މޮޅު. އެވަރުގެ މޮޅު ވަރަށް ގިނަ ލަވަކިޔުންތެރިން އެބަތިބި ރާއްޖޭގައި ހަމަ. އޭނާ އަށް ކުރި ލިބުނީ އޭނާގެ ޑިސިޕްލިން އާއި އޭނާ އަށް ބެކްކޮށްދޭނެ ގިނަ ބަޔަކު ވެސް ތިބީމައޭ ބުނެވިދާނެ،" މިއީ އެ ލަވަކިޔުންތެރިޔަކަށް ދިވެހިންގެ ތެރެއިން އެތައް ބަޔަކު އަދިވެސް މޮޔަވާ އަލީ ރަމީޒާ މެދު ތޭރަވާގެ ހިޔާލު ހުރިގޮތެވެ. 

"ނަސީބު ރަނގަޅު ލަވަކިޔުންތެރިއެއް އޭނާ އަކީ. އެންމެންގެ ލޯބި ލިބުނު ލަވަކިޔުންތެރިއެއް އޭނާ އަކީ. އޭނާ ދެކެ ރުޅިއަންނަ މީހާ ވެސް އޭނާގެ ލަވަ އަޑުއަހާނެ. ދަމާ ބާރެއް އޭނާގެ ކިބައިގައި ހުރޭ"

"އަލީ ރަމީޒު އުޅުނު ގޮތަށް އުޅޭ ލަވަކިޔުންތެރިއެއް ނެތް މިހާރަކު. އެހެންވީމަ އޭނާއާ އެއް ފެންވަރުގެ ލަވަކިޔުންތެރިޔަކު ނެތޭ ބުނެވޭނީ. އެކަމަކުު އޭނާ އަށް ވުރެ މާ މޮޅު ލަވަކިޔުންތެރިން އެބަތިބި މިހާރު. މިސާލަކަށް ރިއްޓޭ. އީމަން. ހައިޝަމް ފަދަ ލަވަކިޔުންތެރިން ވެސް."

"މިއަދުގެ ޖީލު އައްޔަ އަށް ވުރެ މާ މޮޅޭ ބުނެވޭނީ. ވަކި މީހަކު ފާހަގަކުރެވޭކަށް ނޫން."

އަލީ ރަމީޒާ ބެހޭ ގޮތުން ހުޅުވި ހިޔާލުގެ ފޮށި ތޭރަވާ ލައްޕައިލީ މިހެން ބުނެފަ އެވެ.

އެހެންވީމަ އެންމެ މޮޅޭ އަދި އެންމެ ރީތި އަޑުގެ ވެރިޔާއޭ ބުނެވޭ އަލީ ރަމީޒާ މެދު ހުސެއިން އަލީ އާއި ތޭރަވާ އަބްދުލް ޣަނީގެ ހިޔާލު އެއޮތީ ފެންނަން ށެވެ. ދެން މިހައި ހިސާބުން މި ދެ ލަވަކިޔުންތެރިންގެ ފެށުމަކަށް ޖެހިލަމާ ހިނގާށެވެ.

ތޭރަވާ ނުވަތަ މުހައްމަދު އަބްދުލްޣަނީ އަކީ އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ރާއްޖެ އަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އުމުރުން 13 އަހަރުން ފެށިގެން އޭނާ ދަނީ އެއް ނަމްބަރުގެ ސްޓޭޖުގައި ޕާފޯމްކުރަމުންނެވެ.

އެގޮތުން އެންމެ މަޝްހޫރު ޕާފޯމެންސަކީ، ލެޖެންޑަރީ ބޭންޑް، ޒީރޯ ޑިގްރީއާ އެކު ކުޑަކުއްޖެއްގެ ގޮތުގައި ސްޓޭޖު މަތިން ފެނިލި ފެނިލުމެވެ.

 

އެއީ ތޭރަވާގެ އުފެދުމެވެ. ދިވެހި މިއުޒިކްގެ ނުފޫޒު ގަދަ ނައިފަރަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާ އަށް ހަގީގަތުގައި ރާއްޖެއިން މިހާރު ނުލިބޭ ކާމިޔާބީއެއް ނެތެވެ. އެންމެ ފުރަތަމަ އޭނާ ފަތަހަކުރީ، ސްކޫލް ކުދިންގެ ލަވަ މުބާރާތެވެ. އޭނާ އަކީ 1999 ވަނަ އަހަރު، މުޅި މުބާރާތުން އެއް ވަނަ ގެންދިޔަ ލަވަކިޔުންތެރިޔާ އެވެ. "މަސްތުކުރުވާނެ ހައްލާ އުޅޭނޭ"، މި ލަވަ އަކީ އެ މުބާރާތުގެ ކްލެސިކް ހިޓެކެވެ.

މިއަދުގެ އަނެއް ހޮވުން ކަމުގައިވާ ހުސެއިން އަލީ އަކީ ވެސް ތޭރަވާގެ މި ކާމިޔާބީއަކަށް ދޫކުރާ ފެންވަރުގެ ލަވަކިޔުންތެރިއެއް ނޫނެވެ. މިއީ ވެސް ސްކޫލް ކުދިންގެ ލަވަ މުބާރާތްތައް ފަތަހަކޮށް ހަތިހަތިކޮށްފައިވާ ލަވަކިޔުންތެރިއެކެވެ.

ބަރު އަޑެއްގެ މި ވެރިޔާ ދިވެހި ލަވައިގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައި ވަނީ ޣަޒަލޭގެ ވަނަމުންނެވެ. އެއީ ޣަޒަލް ލަވަތަކަށް ރާއްޖޭގައި އޭނާ ވަރެއް ނެތް ކަމަށް ބުނެވޭތީ އެވެ.

އޭނާގެ ލަވަކިޔުމުގެ ހަޔާތް ރޮކެޓެއްހެން އަރައިގެން ދިޔައީ ވެސް ޣަޒަަލް ލަވައަކުންނެވެ. އެއީ ގުލާމް އަލީގެ މަޝްހޫރު ޣަޒަލް، "ޗުޕްކޭ، ޗުޕްކޭ ރާތު ދިން" ގެ ރާގަށް ހުސެއިން، ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ހުށަހަޅައިދިން ލަވަ އެކެވެ.

ހުސެއިން އަލީ ބުނަނީ އޭނާ އަކީ ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންވާ ލަވަކިޔުންތެރިއެއް ކަމަށާއި ކިޔަން އުނދަގޫ ލަވަތައް އެގޮތުގައި ކިޔަން ހިފަނީ ވެސް އެހެންވެ ކަމަށެވެ.

މިހާރު މި ކިޔައި ދެވުނީ އަލީ ރަމީޒާއި ތޭރަވާ އަބްދުލް ޣަނީ އާއި ހުސެއިން އަލީގެ ވާހަކަ އެވެ. ޔަގީނަށް ވެސް މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ތިން ލަވަކިޔުންތެރިންނޭ ބުނެވޭ ފެންވަރުގެ ތިން ފަންނާނުންނެވެ.

އެހެންވީމަ މީގެ ތެރެއިން އެންމެ މޮޅީ ނުވަތަ ތޭރަވާ އާއި ޣަޒަލޭގެ ތެރެއިން އެންމެ މޮޅީ އަދި އެހުންތެރިންގެ މެދުގައި އެންމެ ކާމިޔާބީ ކާކުތޯ ބަލައިލުމަށް މަޝްހޫރު އަލްބަމް ޕްރޮޑިއުސަރު އަހުމަދު ޝަކީބުގެ ހިޔާލެއް ހޯދައިލުން ކިހިނެތްވާނެ ހެއްޔެވެ؟ ގައުމީ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވިޔަސް ޝަކީބަކީ ދިވެހި ލަވައިގެ ދުނިޔެ ވެސް ފަތަހަކޮށްފައިވާ ފަރާތެކެވެ.

 

އޭނާ އަށް ވުރެ ރަނގަޅަށް ދިވެހި ލަވަ އާއި އޭގެ މަގްބޫލުކަމާއި ވިޔަފާރި އާއި އެހުންތެރިންނާއި ކިޔުންތެރިންގެ މޮޅު ދެރަ ދެނެގަނެވޭނެ ދެ ވަނަ ޑޮކްޓަރު ހުރިހެނެއް ވެސް ހީއެއް ނުވެ އެވެ.

މިހާތަނަށް 42 އަލްބަމް ޕްރޮޑިއުސްކޮށްފައިވާ ޝަކީބު ވަނީ ނަސީބު ދިމާކުރި ގޮތުން އަލީ ރަމީޒު އާއި ތޭރަވާ އަދި ހުސެއިން އަލީއާ އެކު ވެސް މަސައްކަތްކޮށްފަ އެވެ. އެންމެ ފުރަތަމަ އޭނާ ފެށީ އަލީ ރަމީޒުގެ މޮޅުކަމުގެ ވާހަކައިންނެވެ.

"އަލީ ރަމީޒު އަކީ ގަޑިއަށް ފަރުވާތެރި، ދެ ވަނަ ފަހަރަކަށް އޭނާ ގާތު ކަމަކު ބުނަން އަދި ކަމަކު އަހަން ނުޖެހޭ ލަވަކިޔުންތެރިއެއް. ޕާސަނަލް ޑިސިޕްލިން އަށް ވަރަށް ފާހަގަކޮށްލެވޭ،" ޝަކީބް ބުންޏެވެ.

މިއީ އަލީ ރަމީޒާ ބެހޭ ގޮތުން އެންމެން ވެސް ދައްކާ ވާހަކަ އެކެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އޭރު އޭނާ ހޯދި މަޝްހޫރުކަމާއި މަގްބޫލުކަން އަދި ކާމިޔާބީގެ ސިއްރަކީ ވެސް އެ ޑިސިޕްލިން އެވެ.

"އެންމެ އަވަހަށް ފަސޭހައިން ލަވަ ރިކޯޑްކޮށްލާ ލަވަކިޔުންތެރިޔަކީ ވެސް އަލީ ރަމީޒް. ލިރިކްސް ވެސް ހިތު ދަސްކޮށްލައިގެން އޭނާ އަންނާނީ ތައްޔާރުވެލައިގެން. ވަރަށް ޑެޑިކޭޓެޑް މީހެއް އެއީ."

ޝަކީބް ބުނީ އަލީ ރަމީޒާ އެކު ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ލަވަ އަކީ ބޮޑު މަޝްހޫރުކަމެއް ހޯދި "މެންދަން" އަލްބަމްގެ "ހިތްނުރޮއްވާ" ލަވަ ކަމަށެވެ.

އަލީ ރަމީޒާ އެކު ގިނަ ލަވަތަކެއްގެ މަސައްކަތްކޮށް ކާމިޔާބު ލަވަތަކެއް އުފައްދާފައިވީ ނަމަވެސް އެންމެ މޮޅީ އަލީ ރަމީޒު ކަމަކަށް މި ޕްރޮޑިއުސަރު އެއްބަހެއް ނުވެ އެވެ. އޭނާ ބުނީ އަލީ ރަމީޒަށް ފަހު ތޭރަވާ އާއި ހުސެއިން އަލީ އަށް ބަލާއިރު އެ ދެ މީހުންނަކީ ވެސް ޑިސިޕްލިން ރަނގަޅު އަދި މަސައްކަތަށް ފަރުވާތެރި ދެ ލަވަކިޔުންތެރިން ކަމަށެވެ.

"ހުސެއިން އަލީ އަކީ ލަވައެއް އެ ހުންނަ ގޮތަށް ކިޔަން ވަރަށް މޮޅު ލަވަކިޔުންތެރިއެއް. ހާއްސަކޮށް ޣަޒަލް ލަވަ. އެކަމަކު ކޮންމެ ސްޓައިލެއްގެ ލަވަތަކެއް ހުސެއިން އަލީއަކާ ނުގުޅޭ. އޭނާ މަޝްހޫރުވީ ވެސް ޣަޒަލް ލަވަކިޔާ މީހެއްގެ ގޮތުގައިވީމަ،" ޝަކީބް ބުންޏެވެ.

އޭނާ ބުނީ އަލީ ރަމީޒާއި ހުސެއިން އަލީއާ އެކު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ތޭރަވާއާ އެކު ކުރެވުނު މަސައްކަތް މަދުކަމުގައިވީ ނަމަވެސް އާދަޔާހިލާފަށް މޮޅު ކަމަށް ފާހަގަކޮށްލެވޭ ލަވަކިޔުންތެރިޔަކީ ތޭރަވާ ކަމަށެވެ.

"އަލީ ރަމީޒަށް ވުރެ ވެސް މޮޅު ތޭރަވާ ލަވަކިޔާ ގޮތް. ލަވަކިޔުމުގެ ފެންވަރާއި ކޮލިޓީ އަށް ބަލާއިރު ތޭރަވާ މާ މޮޅު،"

ނަމަވެސް ދެއްކި ވާހަކަތަކަށް ބަލާއިރު ޝަކީބްގެ ފެވަރިޓަކީ އަލީ ރަމީޒެވެ. ފަހަރެއްގައި ވިއްކަން ފަސޭހަ އަޑަކަށް އަލީ ރަމީޒުގެ އަަޑުވީމަ އެވެ.

 

"ތިން މީހުންނާ އަޅާ ބަލާއިރު އަޅުގަނޑަށް ނެގޭނީ އަލީ ރަމީޒު. ތޭރަ އަކީ ކޮންމެ ސްޓައިލަކަށް ވެސް ލަވަކިޔާ ލަވަކިޔުންތެރިއެއް. ތޭރަ އަމިއްލަ އަށް ލަވަ ހަދާ މީހަކަށްވީމަ ވެސް އެ ތަފާތު ފެނޭ،" ޝަކީބް ބުންޏެވެ.