ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގައި ހިމެނޭ ލޯންތަކަށް މާދަމާއިން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ތަފްސީލް ފިނޭސް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ.
އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުމާއި، އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ވާކިން ކެޕިޓަލް ލޯން އަދި އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ލޯން
ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުާރާ ލޯންތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެވެ.
އެ އުސޫލުގައިވާ ގޮތުން މި ލޯންތައް ދެވޭނީ ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުގައެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ. އަދި ލޯން އަނބުރާ ދައްކަންޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.
އެގޮތުން ޓޫރިސްޓް ރިސޯޓްތަކަށް ލޯން ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ކޮންމެ ރިސޯޓަކަށްވެސް ގިނަ ވެގެން ދޫކުރާނީ 7.71 މިިލިއަން ރުފިޔާއެވެ.
އަދި ރިސޯޓްތަކަށް ލޯން ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތީތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލާ، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލާ އިސްކަންދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ހުރިހާ ކަމެއްވެސް ސަރުކާރުން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ވަނީ ބުނެފައެވެ.
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓް ރިސޯޓް ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.
މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ. އަދި ލޯން ދޫކުރުމުގައި، ދިވެހި އޯނާޝިޕްގެ ނިސްބަތަށް ބަލައި އިސްކަންދޭނެ އެވެ. މީގެ އިތުުރުން ވިޔަފާރިެ ނަން-ޕާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާވޭތޯ ބެލުމަށްފަހު އިސްކަން ދޭނެއެވެ. އަދި ކޮވިޑް19 އާ ގުޅިގެން މުވައްޒިފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަަކަށް ލޯން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ ޓޫރިސްޓް ރިސޯޓް ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެވެ.
އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ލޯނަށް އެދި ހުށައެޅުމާއި، އެކަމާ ގުޅޭ އިތުރު ތަފްސީލް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން އާންމު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މި ލޯން ދިނުމުގައިވެސް ލޯން ނަގާ ފަރާތުން ދިވެހި މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.