ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހާ ރާއްޖެއިން ފުރިއިރު އަލާމާތެއް ނެތް: މަބުރޫކު

Apr 7, 2020
1

ރާއްޖޭގެ ދެ ރިސޯޓެއްގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ރާއްޖޭގައި ހުރިއިރު އެ ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ޕޮޒިޓިވްވި މީހާއަކީ ޖޯލި މޯލްޑިވްސް އާއި ރާ ބޮޑުފުށި ރިސޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ. މިހާރު އެ ދެ ރިސޯޓް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި، އެމީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެމީހާ ރާއްޖެއިން ފުރާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ ފުރިއިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި އޭނާއަށް ފުރުނީ އެހެންވެ ކަމަށެވެ.

އެމީހާގެ ގައުމެއް މަބުރޫކު ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އޭނާ ގައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ކަމަށެވެ. އެހެންކަމުން 14 ދުވަހަށް ބަލާނަމަ، އެ މުއްދަތުގައި އޭނާ ރާއްޖޭގައި ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ކޮވިޑް-19 ޖެހިފައިވަނީ ގައުމަށް ދިޔަ ފަހުން ކަމަށް ވެސް ނުވަތަ ދިޔަ މަގުމަތީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

ރާއްޖޭގައި ވެސް އޭނާއަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތުމުން، އޭނާއާ ކޮންޓެކްޓްވި މީހުން އަވަހަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. މަބުރޫކު ވިދާޅުވީ އެ ދެ ރިސޯޓަށް ގޮސްފައިވަނީ ވެސް ބޮޑު ޓީމެއް ކަމަށެވެ. އަދި، އެއާޕޯޓުން އެމީހާއާ ކޮންޓެކްޓްވި މީހުން ވެސް ހޯދަމުންދާ ކަމަށެވެ. އޭގެ ތަފްސީލްތައް މާދަމާ ހާމަ ކުރައްވާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ. އޭނާއާ ކޮންޓެކްޓްވި މީހަކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެއެވެ. މިހާރު ފަރުވާދެމުންދަނީ އެ ހަތަރު މީހުންނަށެވެ. އަނެއް 13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.