ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަޔަލެންޑްގެ ބޮޑުވަޒީރު ޑޮކްޓަރީ ވަޒީފާއަށް!

ކޮރޯނާވައިރަސްގެ ވަބާ އާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުން ދާއިރު ބައެއް ގައުމުތަކުގެ ވެރިން ވެސް އަމަލީ ގޮތުން މި ކަމުގައި ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އަޔަލެންޑްގެ ބޮޑުވަޒީރު ލިއޯ ވަރަދްކަރް ވަނީ ޑޮކްޓަރީ މަސައްކަތަށް އެނބުރި ވަޑައިގަންނަވަން ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ. ވަރަދްކަރް އަކީ މެޑިކަލް ޑޮކްޓަރެކެވެ.

އަޔަލެންޑްގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މެޑިކަލް ޕްރެކްޓިޝަނާއެއްގެ ގޮތުގައި ބޮޑުވަޒީރު ވަނީ އަލުން ރަޖިސްޓްރީވެ ވަޑައިގެންފަ އެވެ. އަދި ބަލި މީހުންނަށް އެކި ޚިދުމަތްތައް ދެއްވުމުގައި ހަފުތާއަކު އެއް ޝިފްޓްގައި މަސައްކަތް ކުރައްވާނެ އެވެ.

ވަރަދްކަރް ޑޮކްޓަރީކަން ކިޔަވާ ވިދާޅުވުމަށްފަހު ހޮސްޕިޓަލުގައި ގިނަ ދުވަސްތަކަކު ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި ޖެނެރަލް ޕްރެކްޓިޝަނާއަކަށް 2010 ގައި ކޮލިފައިވުމަށްފަހު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމަށްޓަކައި ޑޮކްޓަރީ މަސައްކަތް ހުއްޓަވާ ލެއްވީ އެވެ. އަދި މެޑިކަލް ރެޖިސްޓާއިން 2013 ގައި އެމަނިކުފާނުގެ ނަން އުނިކުރީ އެވެ.

އަނެއްކާވެސް މިއަހަރުގެ މާޗް މަހު އަލުން ރަޖިސްޓްރީވެ ވަޑައިގެން އަޔަލެންޑްގެ ސިއްހީ ދާއިރާއަށް ކުރެއްވެން އޮތް ޚިދުމަތެއް ކޮށްދެއްވުމަށް ބޮޑުވަޒީރު މިހާރު ވަނީ ނުކުމެވަޑައިގެންފަ އެވެ.

ބޮޑުވަޒީރު މަސައްކަތް ކުރައްވާނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ފޯނުމް އެސެސް ކުރުމުގެ މަސައްކަތެވެ. އަޔަލެންޑްގައި ހަދާފައި އޮންނަ އުސޫލަކީ ކޮވިޑް-19 ހުރި މީހަކާ ކޮންޓެކްޓް ވެގެން އެ ބަލި ޖެހިދާނެ ފުރުސަތެއް އޮތް މީހުން ސްކްރީން ކުރުމުގެ ކުރިން އެ މީހަކަށް ފޯނުން ގުޅައި އެމީހާގެ ހާލަތު ދެނެގަތުމެވެ.

މި ރިޕޯޓުގައިވާ ގޮތުން ބޮޑުވަޒީރުގެ އާއިލާގެ ވަރަށް ގިނަ މެންބަރުންނާއި ވަރަށް ގިނަ އެކުވެރިން ވެސް މިހާރު ސިއްހީ ޚިދުމަތަށް ނުކުމެ އަމަލީ ގޮތުން އެ މަސައްކަތްތަކުގައި ބައިވެރިވަމުން އެބަ ގެންދެ އެވެ. އެހެންކަމުން ކިތަންމެ ކުޑަކޮށް ނަމަވެސް އެ ރޮނގުން ޚިދުމަތް ކޮށްދެއްވަން ބޮޑުވަޒީރު ވެސް ބޭނުންފުޅުވީ އެވެ.

ވަރަދްކަރްގެ އާއިލާއަކީ ވެސް މެޑިކަލް ޕްރޮފެޝަންގައި މަސައްކަތްކުރާ އާއިލާ އެކެވެ. އެމަނިކުފާނުގެ ބައްޕައަކީ އިންޑިޔާ ނަސްލުގެ ޑޮކްޓަރެކެވެ. މަންމަ އައީ އަޔަލެންޑްގެ ނަރުހެކެވެ. އަދި އެމަނިކުފާނުގެ ޕާޓްނަރަކީ ކާޑިއޮލޮޖިސްޓެކެވެ. އަދި ދެ އަންހެން ކޮއްކޮ އާއި އެ މީހުންގެ ފިރިން ވެސް މަސައްކަތް ކުރަނީ ސިއްހީ ދާއިރާގަ އެވެ.

އަޔަލެންޑްގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށް ބޮޑުވަޒީރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.