ބޮލީވުޑް

"ބަމްފާޑް": ޕަރޭޝް ރާވަލްގެ ދަރިފުޅުގެ ފުރަތަމަ ފިލްމު

ކުޅަދާނަ އެކްޓަރު ޕަރޭޝް ރާވަލްގެ ފިރިހެން ދަރިފުޅު އަދިތުޔާގެ ފުރަތަމަ ފިލްމު "ބަމްފާޑް" ޒީ-5 އިން ވަރަށް އަވަހަށް ދައްކަން ފަށަން ވަނީ ހަމަޖެހިފަ އެވެ. ރަންޖަން ޗަންޑެލް ކިޔާ މުޅިން އާ ޑައިރެކްޓަރެއް އުފައްދާފައިވާ މި ފިލްމުން "އަރްޖުން ރެޑީ" ގެ ތަރި ޝާލިނީ ޕާންޑޭ ވެސް ޑިޖިޓަލް ދުނިޔެއަށް ނުކުންނާނެ އެވެ.

މި ފިލްމަކީ އިލާހުއާބާދުގެ ޒުވާން ޖޯޑެއްގެ ލޯބީގެ ވާހަކައެކެވެ. އަދިތުޔާ މި ފިލްމުގައި ކުޅެނީ ނާސިރު ޖަމާލް ކިޔާ ޒުވާނެއްގެ ކެރެކްޓާ އެވެ.

އަދިތުޔާ ބުނި ގޮތުގައި ޑިޖިޓަލް ފިލްމަކުން ނަމަވެސް ފުރުސަތެއް ލިބުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި މިފިލްމުގެ ވާހަކައާ ވަރަށް ހިތްހަމަޖެހޭކަން އޭނާ ވަނީ ފާޅުކޮށްފަ އެވެ. މި ފިލްމުގެ އެންމެ މައިގަނޑު އެއްޗަކީ ލޯބީގެ ވާހަކަ ނަމަވެސް ވަރަށް ގިނަ އެހެނިހެން ކަންކަން ވެސް ފިލްމުގައި ހިނގާނެ ކަމަށް އަދިތުޔާ ބުންޏެވެ.

އަދިތުޔާ ބުނި ގޮތުގައި އޭނާ ބޭނުމަކީ އަމިއްލައަށް މަސައްކަތް ކޮށްގެން ފިލްމީ ދުނިޔެއިން މަގާމެއް ހޯދާށެވެ. އެގޮތުން ނާސިރު ޖަމާލްގެ ކެރެކްޓާއަކީ ފިލްމީ ދުނިޔެއަށް ތައާރަފްވާން ވަރަށް ރަނގަޅު ރޯލެއް ކަމަށް އަދިތުޔާ ދެކެ އެވެ.

"އަހަރެން އުންމީދު ކުރަން ގިނަ ބަޔަކު މި ފިލްމު ބަލާނެ ކަމަށް. އަދި ފިލްމު ބަލާފައި އެމީހުން ބުނާ އެއްޗެއް ބަލަން ވެސް އަހަރެން ބޭނުންވޭ،" އަދިތުޔާ ބުންޏެވެ.

ޝާލިނީ ކުޅެނީ ނީލަމް ކިޔާ ޒުވާން އަންހެންކުއްޖެއްގެ ކެރެކްޓާ އެވެ. "ބަމްފާޑް" އަކީ އަނުރާގް ކަޝޭޕް ހުށަހަޅައިދޭ ފިލްމެކެވެ.

މި ފިލްމު 10 އޭޕްރީލްގައި ޒީ5 ޕްރީމިއަމް އާއި ޒީ-5 އޮރިޖިނަލް އިން ސްޓްރީމް ކުރަން ފަށާނެ އެވެ.

އަދިތުޔާގެ މަންމަ ސުވަރޫޕް ސަމްޕަތު އަކީ ވެސް ފިލްމާއި ސިލްސިލާތައް ކުޅޭ ހުނަރުވެރި އެކްޓަރެކެވެ. އަދި ފިރިމީހާ ޕަރޭޝް އާއެކު ތަމްސީލުތައް ކުޅުމާއި ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް ސްވަރޫޕް ކުރެ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކްޓްކުރާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް އޭނާ ހިންގަ އެވެ.