ޕަރޭޝް ރަވާލް

ދަރިފުޅުގެ އެކްޓިން ކަމަކު ނުދޭ: ޕަރޭޝް ރާވަލް

ޕަރޭޝް ރާވަލް އަކީ ނެޝަނަލް އެވޯޑު ހޯދާފައިވާ ވަރަށް މޮޅު އެކްޓަރެކެވެ. ނަމަވެސް އޭނާގެ ދަރިފުޅު އަދިތުޔާ ރާވަލްގެ ކިބައިގައި އަދި އެހާ ހުނަރެއް ނެތެވެ. ޚުދް ޕަރޭޝް ވެސް އެކަން ގަބޫލު ކުރެ އެވެ. ދަރިފުޅު އަދިތުޔާގެ ފުރަތަމަ ފިލްމު "ބަމްފާޑް" ޒީ5 އޮރިޖިނަލް ފިލްމުން މިހާރު ސްޓްރީމް ކުރަން ފަށާފައިވާއިރު އެ ފިލްމަށާއި އެކްޓަރުންގެ އެކްޓިން އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޕަރޭޝް ވެސް ބުނީ ފުރަތަމަ ފިލްމުގައި ދަރިފުޅަށް ރަނގަޅު އެކްޓިން އެއް ދެއްކިފައި ނުވާ ކަމަށެވެ.

"ފަށައިގަންނަ ކޮޅުގައި ކުޅޭ ފިލްމުތަކަކީ ހަގީގަތުގައި ކޮންމެ އެކްޓަރަކަށް ވެސް އޭނާގެ ކުޅަދާނަކަން ދައްކަން ލިބޭނެ ފުރުސަތަކީ. ގިނަ ފަހަރަށް އާ އެކްޓަރުން ތައާރަފްވީމަ މީހުން ހިތްވަރު ދިނުމުގެ ގޮތުން މާ ބޮޑަށް ފާޑެއް ނުކިޔާނެ. ނަމަވެސް ދެ ތިން ފިލްމެއް ރިލީޒްވާއިރު އެ މީހަކު އޭނާގެ އެކްޓިން ހުނަރު ރަނގަޅު ނުކޮށްފިނަމަ މީހުންގެ މަލާމާތް ރައްދުވާނެ. އަދި މިފަދަ އެކްޓަރުންނަށް ކެރިއަރެއްގެ ގޮތުގައި އެކްޓް ކުރުމުގައި ދެމި ހުންނަން އުނދަގޫ ވާނެ،" ޕަރޭޝް ބުންޏެވެ.

ޕަރޭޝް ބުނި ގޮތުގައި ފިލްމެއް ހިޓެއް ނުވަތަ ފްލޮޕަކަށް ހެދުމުގައި އެކްޓަރުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. ނަމަވެސް ރަނގަޅު ޕާފޯމަންސެއް ދެއްކުމަކީ ކޮންމެ އެކްޓަރަކަށް ވެސް ކުރެވޭނެ ކަމެކެވެ. އޭނާގެ ދަރިފުޅު ދެން ކުޅޭ ފިލްމުތަކުން އޭނާގެ ހުނަރު ދައްކާލާނެ ކަމަށް އުންމީދު ކުރާ ކަމަށް ޕަރޭޝް ބުންޏެވެ.

ފިލްމީ ރޮނގުން އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ޕަރޭޝް ބުނީ އޭނާ ފިލްމު ކުޅޭތާ ގިނަ ދުވަސް ތަކެއް ވެފައިވާތީ ބެލުންތެރިންނަށް ވެސް އޭނާއަކީ ކޮން ކަހަލަ އެކްޓަރެއް ކަން އެނގޭނެ ކަމަށެވެ. އެހެންވެ މިހާރު އޭނާ ބަލަނީ ކުޅެން ނުކުޅޭ ކަހަލަ ގޮންޖެހުންތައް އެކުލެވޭ ކަހަލަ ކެރެކްޓާތައް ކުޅެން ލިބޭ ކަހަލަ ފިލްމުތައް ހޯދުމަށެވެ.

"އަހަރެންނަށް މިކަން ވާނެބާއޭ ހިތަށް އަރާ ވަރުގެ ރޯލެއް މިހާޜު އަހަރެން ބޭނުން ވަނީ ކުޅެން. އެ ކަހަލަ ގޮންޖެހުންތައް ހުރިއްޔާ ނޫނީ މިހާރު ރޯލެއް ގަބޫލުކުރާ ހިތެއް ނުވޭ،" ޕަރޭޝް ބުންޏެވެ.