ބޮލީވުޑް

އަދިތުޔާ ލޯންޗު ނުކުރެވުނީ ފައިސާ ނެތިގެން: ޕަރޭޝް

ޕަރޭޝް ރާވަލް އަކީ ފާއިތުވީ 40 ވަރަކަށް އަހަރު ބޮލީވުޑްގައި މަސައްކަތް ކޮށްފައިވާ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. ނުބައިބައި ރޯލުތަކާއި ކޮމެޑީ ރޯލުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ފާއިތުވީ ދުވަސްތަކުގައި ޕަރޭޝް ވަނީ ހޯދާފަ އެވެ. މިހާރު އޭނާގެ ދަރިފުޅު އަދިތުޔާ ރާވަލް ބޮޑުވެ ބައްޕަ ހިނގި މަގުން ހިނގަން ވަނީ ފަށާފަ އެވެ. ނަމަވެސް އެހެން ގިނަ ތަރިން ފަދައިން އޭނާ ބޮލީވުޑަށް ނެރުމުގެ ޒިންމާ އޭނާގެ ބައްޕަ ޕަރޭޝް އެއް ނޫފުއްލަ އެވެ. ސަބަބެއް ކަމަށް ޕަރޭޝް ބުނަނީ އޭނާގެ އަތުގައި އެހާ ފައިސާ ނެތުމެވެ. އަދި ދަރިފުޅަކީ ވަރަށް ކުޅަދާނަ، ހުނަރުވެރި އެކްޓަރަކަށް ދަރިފުޅަށް ފިލްމުތަކުން މަސައްކަތް ހޯދައިދޭން އޭނާއަށް އުޅެން ނުޖެހޭ ކަމަށް ވެސް ޕަރޭޝް ބުންޏެވެ.

އަދިތުޔާ އާއި ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރުގެ ކާފަ ދަރިފުޅު ޒަހާން ކަޕޫރު ކުޅޭ ފިލްމެއް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. ހަންސަލް މެހެތާ ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގެ ޕްރޮޑިއުސަރުންނަކީ އަނުބަވް ސިންހާ އާއި ބޫޝަން ކުމާރެވެ.

"އަހަރެންގެ ދަރިފުޅު ލޯންޗު ކުރުމުގެ ޒިންމާ ނުނެގުނީ އެކަމަށް ބޭނުންވާ ފައިސާ ނެތީމަ. އެއްގޮތަކުން މިހާރު މާ ރަނގަޅެއްނު. އޭނާގެ އަމިއްލަ މަސައްކަތުން ފިލްމު ތަކުން ފުރުސަތު ހޯދައިފި ވިއްޔަ އޭނާގެ ފުރަތަމަ ފިލްމު 'ބަމްފާޑް' ގައި އަދާކުރި ރޯލަށް ގިނަ ބައެއްގެ ލޯބި އޭނާއަށް ލިބުނު،" ޕަރޭޝް ބުންޏެވެ.

މިދިޔަ އަހަރުގެ އެޕްރީލް 10 ގައި ރިލީޒްކުރި "ބަމްފާޑް" އަކީ އެކްޓަރެއްގެ ގޮތުގައި އަދިތުޔާ ފެނުނު ފުރަތަމަ ފިލްމެވެ. ޝާލިނީ ޕާންޑޭ އާއެކު އަދިތުޔާ ކުޅުނު މި ފިލްމު ބެލި ގިނަބަޔަކު އަދިތުޔާ ވަރަށް މޮޅުކަމަށް ބުނެފައި ވެއެވެ.

"ހީރާ ޕޭރީ" އެކްޓަރު ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ މޮޅު އެކްޓަރެއްގެ އިތުރުން ކުޅަދާނަ ލިޔުންތެރިއެކެވެ. ނިއުޔޯކް ޔުނިވަސިޓީން ސްކްރިޕްޓް ލިޔުމާއި ޕްލޭރައިޓިންގެ ރޮނގުން އޭނާގެ ދަރިފުޅު މަތީ ތައުލީމު ހާސިލުކޮށްފައިވާ ކަމަށް ވެސް ޕަރޭޝް ބުންޏެވެ. އަދި ލަންޑަން އިންޓަނޭޝަނަލް ސްކޫލް އޮފް ޕާފޯމިން އާޓްސްގައި ވެސް އެކްޓްކުރުމާ ގުޅޭ ތަމްރީނުތަކެއް އޭނާ ހަދާފައިވެ އެވެ.

އަޝޫތޯޝް ގޮވަރިކަރް 2019 ގައި އުފެއްދި "ޕާނީޕަތު" ގެ އެއް ލިޔުންތެރިއަކީ އަދިތުޔާ އެވެ.

ޕަރޭޝްގެ އަންހެނުން އަދި އަދިތުޔާގެ މަންމަ ސުވަރޫޕް ސަމްޕަތު އަކީ ވެސް ވަރަށް ގިނަ ހިންދީ ފިލްމުތައް ކުޅެފައިވާ ބަތަލާ އެކެވެ.