ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

މެލޭޝިޔާއިން 197 ދިވެއްސަކު ރާއްޖެ ގެނެސްފި

ރާއްޖެ ނާދެވި މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން 197 މީހަކު ރާއްޖެ ގެނެސްދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓިފައިވާތީ ވަރަށް ގިނަ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ނާދެވިފައި ވެއެވެ. އެ އެންމެން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުރުސަތު ލިބޭ މިންވަރަކުން ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އެހީގައި ދިވެހިން ގެނައުމަށް ދަތުރުތަކެއް ވެސް ވަނީ ފަށާފަ އެވެ.

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އަންނަން ބޭނުންވާ ދިވެހިންނަށް އަމާޒުކޮށް މޯލްޑިވިއަން މިއަދު ވަނީ ދަތުރެއް ކޮށްފަ އެވެ. އެ ދަތުުރުގައި 197 މީހަކު ރާއްޖެ އައެވެ. އެ މީހުން މިހާރު ތިބީ ކަރަންޓީނުގަ އެވެ.

މީގެ ކުރިން މޯލްޑިވިއަންއިން ވަނީ އިންޑިއާގައި ތިބި ދިވެހިންގެ ތެރެއިން 200 މީހަކު ގެނެސްފަ އެވެ. އަދި ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ވެސް ގެނެސްދިނެވެ.

މޯލްޑިވިއަންއިން ވަނީ އަދިވެސް އިންޑިއާ، ލަންކާ އަދި މެލޭޝިޔާއަށް ދަތުރުތަކެއް ކުރުމަށް ނިންމާފަ އެވެ. އަދި އެނޫން ގައުމުތަކުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނެވެންދެން ނުވަތަ އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގެއް ފެންނަން ދެން ދިވެހިން ގެނައުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.