ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބިދޭސީމީހާ ޕޮޒިޓިވްވުމާއި ގުޅިގެން 33 މީހަކު އެކަހެރިކޮށްފި

ރާއްޖެއިން ދިޔަ ބިދޭސީއެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްޕީއޭއިން ރޭ ބުނީ ރާއްޖެއައި ބިދޭސީއަކު އަނބުރާ ގައުމަށްދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި އޭނާ ވަނީ ޖޯލި މޯލްޑިވްސްއާ ރާ ބޮޑުފުށި ރިސޯޓަށް ޒިޔާރަތްކޮށްފައި ކަމަށާ މިހާރު އެ ދެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެއީ ޖޯލި މޯލްޑިވްސްއިން ހިންގާ ބޮޑުފުށި ރިސޯޓަށް މަސައްކަތު މީހަކަށް ގެނައި ބިދޭސީއެކެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ބިދޭސީ މިހާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އެއީ މިހާތަނަށް އޭނާއާ ކޮންޓެކްޓްވީ ކަމަށް ފާހަގަ ކުރެވުނު މީހުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

"..އަޅުގަނޑުމެންނަށް ވަނީ މި ކޭސްއާ ގުޅިގެން 33 މީހަކު މިހާތަނަށް ވަނީ ފާހަގަކުރެވިފައި. އަދި އެމީހުން ވަނީ އައިސޮލޭޓްކުރެވިފައި. މީގެ ތެރޭގައި ހިމެނޭ ރިސޯޓްގެ ސްޓާފުންނާ، އެމީހާ ގޮވައިގެން ދަތުރުކުރި ކްރޫއިންނާ، އެއާޕޯޓްގެ ގްރައުންޑް ސްޓާފުންނާ ފްލައިޓްގެ ކުރޫއިންވެސް. މިގޮތަށް މިހާތަނަށް 33 މީހެއް ވަނީ އައިސޮލޭޓް ކުރެވިފައި. އަދި 21 މީހެއްގެ ސާމްޕަލްވެސް ވަނީ ނެގިފައި." މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އަދިވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާ އެހެން ކަމުން އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.