ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ފެސިލިޓީއަށް 40 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހުން އައިސޮލޭޓް ކުރުމަށް 300 އެނދުނުގެ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރެއާ ދުވާލު 24 ގަޑިއިރު އެ ފެސިލިޓީ ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ. އޭގެ އިތުރުން ދައުލަތުގެ އެހެން އިދާރާތަކުންނެވެ. މަބުރޫކް ވިދާޅުވީ އަމާޒަކީ އެ މެޑިކަލް ފެސިލިޓީ މިމަހުގެ 15 ވަނަ ދުވަހަށް އެއްކޮށް ނިންމާލުން ކަމަށެވެ. އަދި އެތަން ހަދަމުންދަނީ ވެލިންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެތަން ހަދަމުންދަނީ ކޮންތާކު ކަމެއް އޭރު ސަރުކާރުން ހާމައެއް ނުކުރެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްްދަލްވުމުގައި މަބުރޫކް ވިދާޅުވީ 300 އެނދުގެ މެޑިކަލް ފެސިލިޓީ ހަދަމުން ދަނީ ހުޅުމާލޭގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގައި ކަމަށެވެ. އެގޮތުން އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ތަނަށް ބޭނުންވާ އެހެނިހެން ސާމާނު ގެނައުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް އެތަނަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެކަމަށް އޮތް ހުރަހަކީ ދަތުުރުފަތުރު ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހަދަމުންދާއިރު ފަރުކޮޅުގައި ވަނީ 50 އެނދުނުގެ ފެސިލިޓީއެއް ތަރައްގީކޮށްފައެވެ. އެތަން ތަރައްގީކޮށްފައިވަނީ އައިސީޔޫގެ ދެ އެނދުވެސް ހިމެނޭ ގޮތަށެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލްވެސް ބޭނުންކުރަމުންދަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައެވެ.