ދުނިޔެ

އިއްޔެ އެކަނި ވެސް ޖަރުމަނަށް 10،000 ރެފިއުޖީން އެތެރެވެއްޖެ

Sep 13, 2015

ވޭތުވެ ދިޔަ ހަފްތާގައި އެކަނި ވެސް އެގައުމުން ވަނީ 40،000 ރެފިއުޖީންނަށް ހިމާޔަތް ދީފައެވެ.

ޖަރުމަނުގެ ސަރުކާރުން ރެފިއުޖީންނަށް އެގައުމަށް އެތެރެ ވުމަށް ފުރުސަތު ދިނުމަށް އެގައުމުގެ އާންމުންގެ ބޮޑު ތާއީދެއްވެސް އެބައޮތް ކަމަށް ހިޔަލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.

އެހެން ނަމަވެސް، ރައްޔިތުންނާއި ސަރުކާރު އަދި ރެފިއުޖީން ކިތަންމެ ބޭނުންވިޔަސް، ޖަރުމަނަށްވެސް ވާނީ ވަކި ވަރެއް ކަމަށާއި އެގައުމަށް ކުޅަދާނަ ވެގެންވާ އަދަދާއި ޖެހެން ކައިރި ވެފައިވާ ކަމަށް ޖަރުމަނުން ވަނީ ބުނެފައެވެ. ޔޫރަޕުގެ އެހެން ގައުމުތަކުން ވެސް މިހާރަށްވުރެ ބޮޑަށް މި މައްސަލަ ހައްލު ކުރުމުގައި ބައިވެރި ވުމަށް ޖަރުމަނުން ވަނީ ގޮވާލާފައެވެ.

ޖަރުމަނުން މިހެން ބުނެފައިވާއިރު، ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ އީޔޫގެ ކޯޓާ އާއި ދެކޮޅު ހަދާފައެވެ. މި ކޯޓާ އަކީ ކޮންމެ މެންބަރު ގައުމެއްވެސް އެގައުމަކަށް އެތެރެވުމަށް ހުއްދަދޭން ޖެހޭނެ ރެފިއުޖީންގެ އަދަދު ކަނޑައަޅާފައިވާ ކޯޓާއެވެ.

ޖަރުމަނުން ދަނީ ރެފިއުޖީންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. އިއްޔެ ކުޅެވުނު ފުޓުބޯޅަ މެޗަކަށް އެ ގައުމުގެ އެންމެ ވަރުގަދަ ފުޓުބޯޅަ ކްލަބް ބަޔާން މިޔުނިކްގެ ކުޅުންތެރިން އެރީ ރެފިއުޖީންގެ ގޮތުގައި އެގައުމަށް އެތެރެވި ކުޑަ ކުދިންތަކެއްގެ އަތުގައި ހިފާލައިގެންނެވެ.

މިއަހަރު މިހާތަނަށް ހަތަރު ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ރެފިއުޖީން ޖަރުމަނަށް އެތެރެވެފައިވާއިރު، މި އަހަރު ތެރޭގައި މަދުވެގެން އަށް ލައްކަ ރެފިއުޖީން އެގައުމަށް އެތެރެވާނެ ކަމަށް ބެލެވެއެވެ. ހަނގުރާމައިގާ ސުންނާފަތި ވަމުންދާ ސީރިޔާ ފަދަ ގައުމުތަކުގެ ރެފިއުޖީންނަށް، އާ ދިރިއުޅުމެއް ފަށަން އެންމެ މަގުބޫލު ގައުމަކަށް ވެފައިވަނީ ޖަރުމަނެވެ.