ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހަކާ ސީދާ ކޮންޓެކްޓުވި ދިވެއްސަކު ޓެސްޓު ކުރަނީ

Apr 9, 2020

ރާއްޖޭން ދިޔަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބިދޭސީއަކާ ސީދާ ކޮންޓެކްޓުވި ދިވެއްސެއް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްޓު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ، ރާއްޖޭން ދިޔަ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބިދޭސީއަކާ ސީދާ ކޮންޓެކްޓުވި ދިވެއްސެއްގެ ކިބައިން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާކަމަށެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި އެ މީހާ މިވަގުތުވެސް ހުރީ ކަރަންޓީނު ފެސިލީޓީއެއްގައި އެކަހެރިކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން އިތުރަށް ބުނެފައިވެ އެވެ.

ޖޯލި މޯލްޑިވްސްއާ ރާ ބޮޑުފުށި ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ބިދޭސީއެއް ރާއްޖޭން ދިޔަ ފަހުން ކޮވިޑް-19އަށް ޕޮޒިޓީވްވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މިހާތަނަށް 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ބިދޭސީ މިހާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އެއީ މިހާތަނަށް އޭނާއާ ކޮންޓެކްޓްވީ ކަމަށް ފާހަގަ ކުރެވުނު މީހުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

"..އަޅުގަނޑުމެންނަށް ވަނީ މި ކޭސްއާ ގުޅިގެން 33 މީހަކު މިހާތަނަށް ވަނީ ފާހަގަކުރެވިފައި. އަދި އެމީހުން ވަނީ އައިސޮލޭޓްކުރެވިފައި. މީގެ ތެރޭގައި ހިމެނޭ ރިސޯޓްގެ ސްޓާފުންނާ، އެމީހާ ގޮވައިގެން ދަތުރުކުރި ކްރޫއިންނާ، އެއާޕޯޓްގެ ގްރައުންޑް ސްޓާފުންނާ ފްލައިޓްގެ ކުރޫއިންވެސް. މިގޮތަށް މިހާތަނަށް 33 މީހެއް ވަނީ އައިސޮލޭޓް ކުރެވިފައި. އަދި 21 މީހެއްގެ ސާމްޕަލްވެސް ވަނީ ނެގިފައި." މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އަދިވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާ އެހެން ކަމުން އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.