މާލޭ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ތިން ގަޑިއިރަށް މީގެ އެއް ހަފްތާ ކުރިން އިއުލާނުކޮށްފައިވާ ކާފިއު، މިއަދުން ފެށިގެން އުވާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. ތަފްސީލް އަންނަނީ....
އެޗްޕީއެއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން ހުއްޓާލަން އެ އެޖެންސީން އެންގި އެންގުން، މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މާލެ ސަރަހައްދުގެ އެ ތިން ރަށުގައި އެކުގައި އެއް ވަގުތެއްގައި ތިން މީހުނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅެން އަންގައި އެޗްޕޭއިން އެންގި އެންގުން ދެމިއޮންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ ކާފިއު ބާތިލު ކުރި ނަމަވެސް އެއް ތަނަކަށް ޖަމާވުން ހުއްޓުވުމަށް ލޯކަލް މާރުކޭޓުތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތް ގޮތުން އާންމު ހިދުމަތް ދޭ ތަންތަނުގައި ގައިދުރު ކަމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ތިންގަޑިއިރަށް ކާފިއު ހިންގާފައި ވަނީ ހަފުތާއަކަށެވެ. އެ ވަގުތުގައި ބޭރަށް ނުކުމެ އުޅެގެން 1،138 މީހަކަށް ފުލުހުން ނަސޭހަތްތެރިވެފައިވެ އެވެ. އެއީ 954 ދިވެހިންނާއި 184 ބިދޭސީންނެވެ. އޭގެ ތެރޭގައި ދެ ފަހަރަށް ނަސޭހަތްތެރިވި މީހުން ހިމެނޭއިރު ތިންވަނަ ފަހަރަށް ނަސޭހަތް ދީފައި ޖޫރިމަނާ ކުރި ދެ މީހަކު ހިމެނެ އެވެ.