ޒަކާތް

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މީހުން ހޯދަނީ

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މީހުން ހޯދަން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޒަކާތު މަސައްކަތް ކުރުމަށް 10 މީހުން ބޭނުންވާ ކަމަށެވެ. އެމީހުންގެ ކޮންޓްރެކެޓް މުއްދަތަކީ ތިން މަސްދުވަހެވެ.

އެ މީހުންނަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށާ މަސައްކަތަށް ނިކުންނަ ދުވަހުގެ އެލަވަންސް ލިބޭނީ މަދުވެގެން ތިން ގަޑިއިރު، މަސައްކަތުގައި ހޭދަކުރުމުން ކަމަށް ވަނީ ބުނެފައެވެ.

އަދި އިތުރު ގަޑީގައާއި ބަންދު ދުވަހު މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށާ އެމީހުންނަށް ރޯދަ މަހުގެ އިނާޔަތު ފައިސާ ލިބޭނެ ކަމަށެވެ.

ޒަކާތު މަސައްކަތް ކުރުމަށް ކޮންޓްރެކްޓަށް ނަގާ މީހުންގެ މައިގަނޑު މަސައްކަތަކީ 1441 ވަނަ އަހަރުގެ ފަގީރުންގެ ލިސްޓް އެކުލަވައިލުމުގެ އެންމެހައި މަސައްކަތް ކުރުމާއި، ފިތުރު ޒަކާތް ބަލައިގަނެ، އެފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި ފައިސާ ހަވާލުކުރުމާއި، ފިތުރު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތް ކުރުމާއި، 1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ބެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތާއިބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހާވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމެވެ.