ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް 51 މިލިއަން ރުފިޔާ ހިލޭ އެހީ ދީފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖޭގެ ނިންމުންތަކަށް އީޔޫ އަދި މެމްބަރު ގައުމުތަކުން ވަނީ މަރުހަބާ ކިޔާފައެވެ.
އީޔޫ އާއި ދިވެހިރާއްޖެއާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖެއިން އެޅި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތިބި ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން ފަސޭހަކަމާއެކު އެ ގައުމުތަކަށް ގެންދެވިފައިވާ ކަމަށެވެ.
އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ދެ މިލިއަން ޔޫރޯ އީޔޫ އިން ވަނީ ރާއްޖެއަށް ދީފައެވެ.
އީޔޫއިން ރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިދަނޑިވަޅަކީ ރާއްޖެއާއި އީޔޫ ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއްކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިދިން އެހީތެރިކަމާއެކު، ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
އީޔޫގެ އެހީއާ ގުޅިގެން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއެހީއަކީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ގުޅުން އަނެއްކާވެސް ހަރުދަނާ ވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި އީޔޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއެހީތެރިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް އިތުރަށް ހަރުދަނާ ކުރުމަށާއި، އިޤްތިޞާދީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.