ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ނެތް ކަމަށް ބެލުމަކީ ގޯހެއް: މިނިސްޓަރު

Apr 9, 2020
4

މާލޭ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ތިން ގަޑިއިރުގެ ކާފިއު އުވާލުމަކީ ލުޔެއް ކަމަށް ބަލައި، ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބަލައިގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކާފިއު އުވާލުމަށް ނިންމީ މަޝްވަރާ ކުރުމަށްފަހު މި ދަނޑިވަޅަށް އެއީ އެންމެ ރަނގަޅު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ. ކާފިއު ގަޑީގައި ރައްޔިތުން އެއްބާރުލުންދިންކަން އަމީން ފާހަގަ ކުރެއްވި އެވެ.

އަމީން ވިދާޅުވީ ކާފިއު އުވާލާފައިވީ ނަމަވެސް ތިން މީހުންނަށްވުރެ ގިނައިން އެއްނުވުމުގެ އުސޫލު އެބަ އޮތް ކަމަށެވެ. އެއަށް އަމަލު ކުރުން ވަރަށް މުހިންމު ކަމަށެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ތެރެއިން ކޮވިޑް-19 ފެނިފައި އަދި ނުވީ ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގައި ވެސް ކޮވިޑް-19ގެ މީހުން ތިބެދާނެ ކަމަށެވެ. އަލާމާތްތައް ހުންނަ މީހުން އެކަން ނުފޮރުވައި އެންގުން ވެސް މުހިންމު ކަމަށެވެ.

"ހަދާ ދިރާސާތަކަށް ބަލައި އަދި މި ނެތޭ ނުބަނަން ދަތި، އެކަމަކު ނުރައްކާތެރި ހަބަރެއް ނުވަތަ ހާދިސާއެއް ބައްދަލު ނުކުރާތާ ދުވަަސްވީމަ އަޅުގަނޑުމެންނަށް ކަން ފަސޭހަ ކުރެވިގެން ދަނީ، އަދިވެސް ހާލަތު ރަނގަޅު ކަމަށް ބަލަން އަވަސް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ލަފާކުރި މިންވަރަށް ރާއްޖޭގައި ކޮވިޑް-19 ފެތުރިފައި ނެތް ކަމަށެވެ. އެހެންވެ، އަދި މިއޮތީ ކޮންޓްރޯލް ކުރެވިފަ ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ބަލި އެއް ފަހަރު ކޮންޓްރޯލްވުމަށްފަހު ދެވަނަ ފަހަރަށް ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ. އެހެންވީމަ ވީހާވެސް ބޮޑަށް ފިޔަވަޅުތަކަށް ފަރުވާތެރިވެ، ގޭގައި ތިބުން މުހިންމު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ކާފިއު ގަޑި ނިމުމާއެކު ވަރަށް ގިނަ މީހުން މަގުތަކަށް ނުކުންނަ މަންޒަރު ފެނުނުން ކަމަށާއި އެއީ އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.

"ކާފިއުގެ ބޭނުން ގެއްލުނީ އެހާ ގިނައިން މީހުން ނުކުންނަންޏާ، ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ހީވޭ މީގެ ސީރިއަސްކަން އަޅުގަނޑުމެންނަށް އެނގިވަޑައިނުގަންނަވާހެން، އެގޮތަށް ޖަމާވަންޏާ އެކަކު ގައިގަ އިންފެކްޝަން ހުންނަންޏާ އަނެއް މީހާ ގަޔަށް އަރާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ކާފިއު ނެގި ނަމަވެސް މީހުން ބޭރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުނުކުތުމަށް އެދޭ ކަމަށެވެ. އަދި ކޮފީ ބުއިމަށާއި އެހެން ބޭނުންތަކަށް ވެސް ބޭރުގައި ނޫޅުމަށް އެދޭ ކަމަށެވެ. ކާފިއު އުވާލުމަށް މަޝްވަރާކުރިއިރުވެސް އެންމެ ބޮޑު ބިރަކަށްވީ އާންމުން ފިޔަވަޅު ނެގުމާއެކު ކަންކަމުގައި ފަރުވާކުޑަވެދާނެތީ ކަމަށެވެ.

މިވަގުތަށް ކާފިއު އިތުރަށް ދިގު ދެމުން މުހިންމު ކަމެއް ކަމަށް ނުފެންނަނީ ކޮމިއުނިޓީ ސްޕެރެޑެއް ނެތީމަ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް އައިސްފިނަމަ، 24 ގަޑިއިރަށް ކާފިއު ހިންގަން ވެސް ޖެހިދާނެ ކަމަށެވެ. އަދި އެއީ ރަނގަޅު ވެސް ކަމެއް ކަމަށެވެ.