ވެންޓިލޭޓަރު ހޯދާ ގޮތާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ މިނިސްޓަރު އަމީނާ ސުވާލު ކުރެއްވުމަށް އެމަނިކުފާނު މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.
ހައިތަމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް19 ގެ މި ނާޒުކު ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓާސް ހުރުމަކީ އެންމެ ބޭނުންތެރި އެއް ކަމަކަށް ވުމާއިއެކު އެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ސުވާލު ކުރަން ބޭނުންވާ ކަމަށެވެ.
އެގޮތުން ހައިތަމް ވަނީ 10 ސުވާލެއް ކުރުމަށް މިނިސްޓަރާއަށް ހުށައަޅާފައެވެ.
ހައިތަމް، މިނިސްޓަރު އަމީނާ ކުރައްވަން ބޭނުންވާ ސުވާލުތައް
- ދިވެހިރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްދޭތޯ؟
- ވެންޓިލޭޓަރުތައް ގެނައުމަށް ކުރިއަށް ގެންދާ ޕްރޮސެސްއަކީ ކޮބައިތޯ؟
- މިހާރު އެކަން ވަކި ގޮތަކަށް ނިމިފައިވާނަމަ އެކަން ކުރިއަށް ގެންދެވީ ކޮން ޕްރޮސެސްއެއްގެ ދަށުންތޯ؟
- ބިޑް ކުރެވިގެންތޯ ކުރިއަށް ގެންދެވީ؟
- ބިޑް ކުރެވިގެން ކުރިއަށް ގެންދެވިފައިވާނަމަ އެބިޑަށް ކިތަށް ފަރާތުން ކުރިމަތިލެއްވިތޯ؟
- ބިޑް ކުރެވިގެން ކުރިއަށް ގެންދެވިފައިވާނަމަ އެބިޑް ކާމިޔާބު ކުރެއްވީ ކޮން ފަރާތަކުންތޯ؟
- ޑެލިވަރީ މުއްދަތަކީ ކޮބައިތޯ؟
- ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައިނުވަނީ ކީއްވެގެންތޯ؟
- ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރުވާނީ ކިހާތާކުތޯ؟
- މިކަމާ ގުޅޭ އެންމެ ފަހުގެ ހަބަރަކީ ކޮބައިތޯ؟
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާތީ އެ ތަކެތި ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.