ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ދިވެހިން ގެންނަން ހުއްޓާ ނުލައި މަސައްކަތް!

Apr 11, 2020

ކޮވިޑް-19 އިގެ ނުރައްކާ ދުނިޔެއަށް ބޮޑުވެ އެކަމުން ރައްކާތެރިވާން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ގައުމުތަކުން ވަނީ ވައިގެ ބަނދަރުތައް ބަންދުކޮށް، ދަތުރުފަތުރު ހުއްޓާލާފަ އެވެ. އެ ފިޔަވަޅުތައް ގައުމުތަކުން އަޅާފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. އޭގެ ސަބަބުން އެ ގައުމުތަކުގައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް ދަތުރު ކުރެވޭނެ ގޮތެއް ނެތި ގައުމުގައި "ބަންދު" ވީއެވެ.

ދިވެހިންގެ ވަރަށް ގިނަ ބަޔަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ތާށިވެފައި" އެބަ ތިއްބެވެ. ދަތުރުފަތުރު ހުއްޓިފައި ވުމާއި، އެ ގައުމުތައް ލޮކްޑައުން ކޮށްފައި ވުމުން ރާއްޖެ އާދެވޭނެ މަގެއް ނުފެނި ދަތި ހާލުގައި ބައެއް ދިވެހިން ދަނީ ދުވަސްތައް ގުނަމުންނެވެ.

އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭހާއި ނޭޕާލް އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ އާދެވޭނެ ގޮތެއް ނެތިފައިވާއިރު ބައެއް އެހެން ގައުމުތަކުގައި ރާއްޖެ އަންނަން ބޭނުންވެ، އެ މަގު ބަންދުވެފައިވާ ދިވެހިން އެބަތިއްބެވެ.

އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރެ އެވެ. ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާއިން ދިވެހިން ގެނައުމަށް ވެސް ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ޗައިނާގެ ވުހާން އާއި އެހެން ސިޓީތަކުގައި ތިބި ދިވެހިން ހިލޭ ގެނައުމަށް ހުޅުވާލި އެވެ.

އެ ފުރުސަތުގެ ބޭނުން ހިފި މީހުން އިންޑިއާގެ ފްލައިޓެއްގައި އެ ގައުމަށް ގެންގޮސް ކަރަންޓީންގެ މުއްދަތު ހަމަކޮށް އެ މީހުން ރާއްޖެ ގެނެސް ދިނެވެ. މީގެ އިތުރުން ނޭޕާލްގައި ތިބި 81 ދަރިވަރަކު ވެސް ރާއްޖެ ގެނާއިރު މޯލްޑިވިއަންގައި ތިން ގައުމަކުން ދިވެހިން ގެނެސް ދިނެވެ. އެއީ އިންޑިއާއިން 200 މީހުނާއި ސްރީލަންކާއިން 100 މީހުނާއި މެލޭޝިޔާއިން 197 މީހުންނެވެ.

ނޭޕާލްގައި ރާއްޖެ ނާދެވި ތިބި 17 ދަރިވަރުންނާއި، ރާއްޖެ އަންނަން ބޭނުންވެ އިންޑިއާ، ލަންކާ އަދި މެލޭޝިޔާގައި ތިބި ދިވެހިން ގެނެވޭނެ މަގެއް ފެނޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ގެނެސް ދެވުނު ދިވެހިންގެ ތެރޭގައި ހިމެނޭ ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖެ ގެނެސްފައިވަނީ ވަރަށް އުނދަގޫ މާހައުލެއްގައި އެ ކުދިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އޭގެ ތެރެއިން ބައެއް ދަރިވަރުން ބުނި ގޮތުގައި ނޭޕާލްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެން ދިޔައިރު ވެސް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެބަލިން ރައްކާތެރިވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނުވެ އެވެ. އަދި ރައްކާތެރިކަމެއް ނެތި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަން ޖެހުމުން ތިބެން ޖެހުނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ތަފާތު ބަލިތައް ޖެހިފައިވާ މީހުންނާއި، ކޮވިޑްގެ އަލާމާތްތައް ހުރި މީހުންނާއެކު ހޮސްޕިޓަލްތައް އޮތީ ފުރިފައެވެ.

އެ މީހުން ރާއްޖެ އާދެވޭނެ ގޮތެއް ހޯދައި ދިނުމަށް ސަރުކާރުގައި އެދުމުން ސަރުކާރުން ވަނީ އެކަމަށް މަސައްކަތްކޮށް އެ އެންމެން ރާއްޖެއަށް ގެނެސްފަ އެވެ.

ނޭޕާލްގައި ތިބި އެހެން ދަރިވަރުން ގެނެވޭނެ މަގެއް ފެނޭތޯ ވެސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނޭޕާލްގެ ފޮރިން މިނިސްޓަރާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އާއިލާތަކަށް ތަކެތި ފޮނުވުން

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ތަކެތި ފޮނުވާނެ އިންތިޒާމްތައް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓި، ގައުމުތަކުން ކާބޯތަކެތި ލިބުން ދަތިވުމުން އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ހުޅުވާލުމަކީ ވެސް ގިނަ ބަޔަކަށް ހިތްހަމަޖެހުމެއް ލިބުނު ކަމަކަށް ވިއެވެ.

މިހާތަނަށް ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ އާއިލާތަކަށް ވަނީ ތަކެތި ފޮނުވުމުގެ ފުރުސަތެއް ދީފަ އެވެ. ލަންކާގައި ތިބި ދިވެހިންނަށް ނުވަ ޓަނުގެ ތަކެތި އާއިލާތަކުން ވަނީ ފޮނުވާފަ އެވެ. އަދި މެލޭޝިޔާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް 300 އާއިލާއަށް ފުރުސަތު ދިނެވެ.

މީގެ އިތުރުން އިންޑިއާގެ ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ތިބި ދިވެހިންނަށް ވެސް ތަކެތި ފޮނުވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފަ އެވެ. އޭގެ ތެރޭގައި 154 އާއިލާއެއް ހިމެނެ އެވެ.

އެކި ގައުމުތަކުތަކުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކޮށް، ދިވެހިންގެ ހާލަތު އެމްބަސީތައް މެދުވެރިކޮށް ދަނީ ބަލަމުން ދެއެވެ. ހުރިހާ ދިވެހިން އެމްބަސީތަކުގައި ރަޖިސްޓްރީކޮށް، ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން ދެއެވެ.