ރާއްޖޭން ބޭރުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިން އަނބުރާ ރާއްޖެ ގެނެސް ބެހެއްޓުމަށްޓަކައި ކަރަންޓީނު ފެސލިޓީތައް އިތުރު ކުރުމަށް ބައެއް ރިސޯޓުތަކާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ކަރަންޓީނު ފެސިލިޓީތައް އިތުރު ކުރަން ޓޫރިޒަމް މިނިސްޓްރީއާއެކު ބައެއް ރިސޯޓުތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމަކު މިހާތަނަށް ވަކި ތަނެއް ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި 12 ކަރަންޓީނު ފެސިލިޓީއެއްގައި 1،100 ޖާގަ ހިމެނެ އެވެ. ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީތަކުގައި ބަހައްޓަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ އެއީ އެވެ.
އިއްޔެ ވެސް 1،000 އަށް ވުރެ ގިނަ މީހުން އެ ފެސިލިޓީތަކުގައި ބަލަހައްޓަމުން ދިޔަ ކަމަށް ހިސާން ވިދާޅުވި އެވެ. ކޮންމެ ދުވަހަކު ވެސް ފެސިލިޓީތަކުން ކަރަންޓީނުގެ މުއްދަތު ހަމަކޮށް ޓެސްޓުގެ ނަތީޖާ ލިބި ނެގެޓިވްވާ މީހުން ދޫކޮށްލަމުންދާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި ގެންގުޅޭ އުސޫލާ މެދު ބައެއް މީހުންގެ ކަންބޮޑުވުންތައް އޮތުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހިސާން ވިދާޅުވީ ސަރުކާރުން އިސްކަން ދެނީ ދައުލަތުގެ ހަރަދުގައި ބޭރުގައި ބޭސްފަރުވާއަށާއި ތައުލީމަށް ގޮސްފައި ތިބި މީހުން ގެނައުމަށް ކަމަށެވެ. ދެން ވެސް އަންނަން ބޭނުންވެފައި ތިބި މީހުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އަންނަން ބޭނުންވާ ބައެއް ދިވެހިން ގެނައުމަށް ޓަކައި ކުރިއަށް އޮތް ހަފުތާގައި ބައެއް ގައުމުތަކަށް ރެސްކިއު ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ޓްރިވަންޑްރަމް އާއި ކޮޗިން އާއި ބެންގަލޫރުގެ އިތުރުން ނޭޕާލް އާއި ބަންގްލަދޭޝް ހިމެނެ އެވެ.
މިހާތަނަށް މޯލްޑިވިއަންގެ ރެސްކިއު ފްލައިޓްތަކުން އިންޑިއާގެ ކޮޗިން އިން 200 ދިވެހިން، ލަންކާއިން 100 ދިވެހިން، އަދި މެލޭޝިއާއިން 197 ދިވެހިން މިހާތަނަށް ގެނެސްފައިވެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު މިހާރު ރާއްޖޭގައި ފަރުވާ ދެމުން ދަނީ ވެސް ބޭރުން އައި ހަތަރު ދިވެއްސަކަށެވެ. 13 މީހަކު އެ ބަލިން ރަނގަޅުވިއިރު ދެން ތިބި ދެ ޓޫރިސްޓުން މިހާރު ތިބީ ރާއްޖޭން ބޭރުގަ އެވެ.