މަދްޔާ ޕްރަދޭޝް ގެ ޕެޓްލަވާދް ގައި ހުންނާ މި ރެސްޓޯރެންޓް ގައި އިއްޔެ ހެނދުނު މި ހާދިސާ ހިނގި ވަގުތަކީ އޮފީސްތަކަށް ދާ މީހުންނާއި އެތަކެއް ސްކޫލް ކުދިންނެއް ހެނދުނުގެ ސައި ބޮމުން ދިޔަ ވަގުތެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ އެ ރެސްޓޯރެންޓް ގައި ހުރި ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށެވެ. އަދި އެތަނާ ކައިރި ހިސާބެއްގައި ނުގަވައިދުން ގުދަން ކޮއްފައި ހުރި ގޮވާ ޒާތުގެ އެއްޗެހި ތަކެއްގައި އަލިފާން ޖެހި، ގޮވުން އިތުރަށް ވަރުގަދަ ވީ ކަމަށެވެ.
މަރުވި މީހުންގެ އަދަދު އިތުރުވީ ގޭސްފުޅި ގޮވުމުން އާއިލާ މީހުންގެ ހަބަރު ބެލުމަށް އެތަނަށް މީހުން އެއްވި ވަގުތު ގޮވާތަކެތީގައި ރޯވެ އިތުރު ގޮވުންތަކެއް ހިނގުމުންނެވެ.
ބަސް ސްޓޭޝަނެއް ކައިރީގައި ހުންނަ މި ރެސްޓޯރެންޓް ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތް ތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ރެސްޓޯރެންޓާއި ޖެހިގެން ހުރި ކޮޓަރިއެއްގައި ނުގަވައިދުން ރައްކާ ކޮއްފައި ހުރި ގޮވާތަކެތީގެ ހަގީގަތް އަދި ހޯދިފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަތަ ތަހުގީގު ކުރަމުންނެވެ.