ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި ބިދޭސީމީހާއާ ކޮންޓެކްޓްވި މީހުންގެ ފުރަތަމަ ސާމްޕަލް ނެގެޓިވް

ރާއްޖެއިން ދިޔަ ބިދޭސީއެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައިސޮލޭޓް ކޮށްފައިވާ މީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ކުރި ފުރަތަމަ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖެއައި ބިދޭސީއަކު އަނބުރާ ގައުމަށްދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އޭނާއަކީ ޖޯލި މޯލްޑިވްސްއިން ތަރައްގީކުރާ ބޮޑުފުށި ރިސޯޓަށް ގެނައި މީހެކެވެ. އޭނާ ވަނީ އެ ދެ ރަށުގައިވެސް އުޅެފައެވެ.

އެހެން ކަމުން އޭނާއާ ކޮންޓެކްޓްވި 33 މީހަކު ވަނީ އެކަހެރިކޮށްފައެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހައިރިސްކް ކޭސަސްތަކުގައި ދެ ސާމްޕަލް ނަގާ ޓެސްޓް ކުރާ ކަމަށާ ބިދޭސީ މީހާއާ ގުޅިގެން އެކަހެރި މީހުންގެ ފުރަތަމަ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ ހުރިހާ ނަތީޖާތައްވެސް ނެގެޓިވްއެވެ.

ނަޒްލާ ވިދާޅުވީ އެކަހެރި ކުރި މީހުންގެ ދެވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.