ދަނޑުވެރިކަން ކުރާނެ ހުސް ބިން ހުރި ރަށްރަށުން ތިން އަހަރަށް ހިލޭ ދަނޑު ބިން ދޫކުރަން ސަރުކާރުން ނިންމައި އެކަމާބެހޭ އުސޫލުތަކެއް އެކުލަވާލައިފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ދަނޑު ބިން ދޫކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަނީ ހިލޭ ތިން އަހަރަށް ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިންތައް ދޫކުރުމަށްފަހު މޮނީޓާ ކުރަމުންދާނެ ކަމަށާއި އެ ބިންތަކުގައި ދަނޑު ހައްދާކަން ޔަގީން ކުރާނެ ކަމަށެވެ. އަދި ބިން ދޫކުރާނީ ޕްލޭނިންގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކައުންސިލްތަކާއި ބިން ހަވާލު ކުރާ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ވެގެން ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ.
ޒަހާ ވިދާޅުވީ ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ގަންނާނެ ކަމަށާއި އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކަން ފަށަން މިހާރު ވެސް އެސްޓީއޯއާއެކު ދަނޑުވެރިންތަކެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ބޭންކްގައި ދަނޑުވެރިކަމުގެ ނަފާ ލޯނު ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި، މިހާރު ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު ދެއްކުން ހަ މަސް ފަސްކޮށްދީފައިވާނެ ކަމަށެވެ.
ބައެއް ރަށްރަށުގެ އިހުތިސޯސްގެ ތެރެއަށް ވަދެފައިވާ ބައެއް ފަޅު ރަށްރަށުގައި ވެސް ދަނޑުވެރިކަން ކުރަން އެދޭނަމަ އެ ފުރުސަތު ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި މޭވާ އާއި ތަރުކާރީގެ މުޑުވަތް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިކަމުގެ އިތުރު މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ދަނޑުވެރިކަމުގެ އިގުތިސޯދެއް މީގެކުރިން ވެސް އޮތް 44 ރަށެއް ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށާއި އެ ރަށްރަށުގައި ދަނޑުވެރިކަމަށް ބިން ދޫކޮށް، އުފައްދާ ތަކެތި ސަރުކާރުން ގަންނަމުންދާނެ ކަމަށެވެ. އަދި، އެ ރަށްތަކަށް ސަރުކާރުން ހަތް ބާވަތެއްގެ ތަކެތި ހެއްދުމުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފަންނީ މައުލޫމާތާއި އޮށާއި ވަސީލަތްތަކާއި ފައިސާ އަދި ލޯނު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ރަށްރަށުގައި އުފައްދާ ބާވަތްތައް ސަރުކާރުން ގަނެ، ރިސޯޓުތަކުން އަލުން ހުޅުވުމުން ރިސޯޓްތަކަށް ވެސް ވިއްކާނެ ކަމަށެވެ. އެ ތަކެތި ރަށްރަށުން ކަލެކްޓް ކުރާނީ ވެސް ސަރުކާރުން ކަމަށާއި އެކި ސަރަހައްދުތަކުގައި ސެންޓަރުތައް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާތަނަށް 44 ރަށެއްގައި ފުޅާ ގޮތެއްގައި ދަނޑުވެރިކަން ފެށުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް އަދި ވެސް އެކަމަށް އެދުމުގެ ފުރުސަތު އެހެން ރަށްރަށަށް ވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.