ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަނެއްކާވެސް ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

Apr 12, 2020

އަނެއްކާވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި ފަސްވަނަ ދިވެހި މީހާ އެވެ.

ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވީ އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެކެވެ. އޭނާއަކީ ފިލިޕީންސްގައި ހުރުމަށްގަހު އެނބުރި ރާއްޖެ އައި މީހެކެވެ.

އެޗްޕީއޭގެ ޓްވީޓް

މީގެ ކުރިން އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ ހަތަރު މީހުނަށް ވެސް ރާއްޖޭގައި ފަރުވާ ދެމުން ދާއިރު، އެއިން އެކަކު ވެސް މިހާތަނަށް ބަލިން ރަނގަޅު ވެފައެއް ނުވެ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ތިބި ދިވެއްސަކާއި މެލޭޝިއާގައި ހުރި ދިވެއްސަކު ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން މެލޭޝިއާގައި ހުރި މީހާ މިހާރު ބަލިން ރަނގަޅު ވެފައިވެ އެވެ.

ރާއްޖޭން ބޭރުން އައި ފަސް ވަނަ ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވިއިރު ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެ އެވެ. ކަރަންޓީނަށް ގެންދާ ކޮންމެ މީހަކު ބައްޔަށް ޓެސްޓް ކުރެ އެވެ. ކަރަންޓީނުން ދޫކޮށްލަނީ ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވެއްޖެ ކަން ޔަގީން ކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓްވީ 20 މީހެކެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ރާއްޖޭން ޕޮޒިޓިވްވި ދެ ޓޫރިސްޓަކު މި ވަގުތު ތިބީ ރާއްޖޭން ބޭރުގަ އެވެ.