ހަބަރު

މި ސަރަހައްދުން އެންމެ ގެއްލުންވާނީ ރާއްޖެއަށް: ވޯލްޑް ބެންކް

Apr 12, 2020
1

ކޮވިޑް-19 ފެތުރުމުގެ ސަބަބުން އެންމެ ގެއްލުންވާނީ ރާއްޖެއަށް ކަމަށް ވޯލްޑް ބެންކުން ބުނެފި އެވެ.

ވޯލްޑް ބެންކުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން ސައުތު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު މިދިޔަ 40 އަހަރުގެ ތެރޭގައި ދަށް ނުވާ ވަރަށް ވެއްޓިގެންދާނެ ކަމަށާއި އެންމެ ބޮޑަށް ގެއްލުންވާނީ ރާއްޖެއަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.5 އަކުން 13 ޕަސަންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އޭގެ ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ހުއްޓިފައި އޮތުން ކަމަށް ވޯލްޑް ބެންކުން ބުންޏެވެ.

ބައިނަލްއަގުވާމީ ދަތުރުފަތުރުތައް ހުއްޓާލުމާ ގުޅިގެން ރާއްޖޭގެ އިތުރުން ދެން އެންމެ ބޮޑަށް ގެއްލުން ވާނީ ނޭޕާލްއަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެއީ އެ ގައުމުގެ އިގްތިސާދު ވެސް ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނާތީ ކަމަށް ވޯލްޑް ބެންކުން ބުންޏެވެ.

އޭގެ އިތުރުން އަފްގާނިސްތާނާއި ޕާކިސްތާން އަދި ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް އެހެން އަހަރުތަކާ އަޅައިބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވެސް ވޯލްޑް ބެންކުން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަސް މީހުން އެބަތިއްބެވެ. އެ އެންމެނަކީ ވެސް ބޭރު ގައުމުތަކުން ރާއްޖެ އައި ދިވެހިންނެވެ. އެ ވައިރަސް ޖެހިފައިވާ ފަތުރުވެރިންނަށް ފަރުވާ ދިނުމަށް ފަހު ދެ ފަހަރަށް ނެގެޓިވް ކަމަށް ނަތީޖާތަކުން ދެއްކުމުން މިހާރު ވަނީ އެންމެން ފުރުވާލައިފަ އެވެ.