ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު މިއަހަރު ހުންނާނީ 6.5 ޕަސެންޓްގައި ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ވޯލްޑް ބޭންކުން އާއްމުކުރި ދެކުނު އޭޝިއާ ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.5 ޕަސަންޓް ގައެވެ. އަދި އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް ދަށްވި ނަމަވެސް 2025 ވަނަ އަހަރު އިގްތިސާދީ ދުވެލި ހުންނާނީ 5.5 ޕަސެންޓްގައި ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މިރިޕޯޓްގައިވާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި މިއަހަރު އެންމެ ރަނގަޅަށް ހުންނާނީ އިންޑިއާ އެވެ. އެ ގައުމުގެ އިގްތިސާދީ ދުވެލި މިއަހަރު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.2 ޕަސެންޓް ގައެވެ. ދެވަނައިގައި އޮތީ ދިވެހިރާއްޖެ އެވެ.
ދެކުނު އޭޝިއާގެ ގައުމު ތަކުގެ އިގްތިސާދު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް ކޮވިޑް 19ގެ އާލަމީ ވަބާގެ ކުރިން ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ދުވެލި ހުރި މިންވަރަށް އަދިވެސް އިގްތިސާދީ ދުވެލި ރަނގަޅުވެފައި ނުވާ ކަމަށްވެސް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާއި ނޭޕާލްގެ އިގްތިސާދީ ދުވެލި ރަނގަޅުވީ ދެ ގައުމުގައިވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާތީ އެވެ.