ރައްޔިތުންގެ މަޖިލިސް

އިންތިހާބު ފަސްކުރާ ދެ ބިލް އެޖެންޑާ ކޮށްފި

އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ހުށައަޅާފައިވާ ދެ ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެގޮތުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020 އެވެ.

10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ. މި ބިލްގައި ހިމެނިފައިވާ މުހިންމު ކަންކަމަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށާ އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވަނީ ބުނެފައެވެ.

އަދި ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށާ ވަކި ދާއިރާއަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު އިންތިހާބުވާ މެމްބަރުންނާ އެކު ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށާ ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑް ކުރެވެންދެން، އިންތިގާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020، ލަސްވެގެން، ޖަނަވަރީ 6، 2021 ގެ ނިޔަލަށް ބާއްވައި ނިންމަން ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް

  • ބިލް ފާސްވެ އަމަލު ކުރަން ފެށުމުން އިންތިހާބު ފަސްކުރެވުނީ
  • އިންތިހާބުގެ ކަންކަން ފަށަންޖެހޭނީ ދައުލަތުން މިހާރު އޮތް ހާލަތު ބަދަލުވެއްޖެ ކަމަށް ކަނޑައެޅުމުން
  • އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން
  • އިންތިހާބަކާ ނުލައި ހޮވުނު ކެންޑިޑޭޓުން ހުވާކުރާނީ އިންތިހާބުވާ ކައުންސިލަރުންނާއެކު
  • އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުންގެ ސަސްޕެންޝަން އުވޭނެ
  • މި މުއްދަތުގައި ސިވިލްސާވެންޓުންނަށް ކެންޕެއިންގެ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ
  • ކައުންސިލް އިންތިހާބު 6، ޖަނަވަރީ 2021 ގެ ކުރިން ބާއްވަން ޖެހޭ

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލުތަކުގެ ދައުރު ހަމަވެ ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސް ކަމަކަށް ގޮސްދާނެތީ ކަމަށް ބިލުގައި ބުނެ އެވެ. އެ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނެތް ކަމަށް ވެސް ބިލުގައި ބުނެ އެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލު ވުމުން އެ ގާނޫނު އުވިގެން ދާނެ އެވެ.

ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއް ހަސަން ލަތީފް ހުށައަޅާފައިވަނީ އެފަދަ ބިލެއް ސަރުކާރުގެ ފަރާތުން މެންބަރު ހިސާން ހުށައަޅުއްވާފައިވަނިކޮށް ކަމަށްވާތީ އެކަމާ ބައެއް މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ވަގުތީ އަދި ދާއިމީ ގާނޫނަކުން ވިޔަސް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.