ރައީސް މުހައްމަދު ނަޝީދު

ގާނޫނަށް ބަދަލު ގެނެސްގެން އިންތިހާބު އަވަސް ކުރަންޖެހޭ: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ. އެ ކޮމިޝަނުން އެހެން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަލުން އިތުރުކުރުމާއި ގުޅިގެންނެވެ. އެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް މިއަދު ވަނީ އިތުރުކޮށްފައެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް އެ ހާލަތު އިތުރު މަހަށް ދަމާލުމުން އިންތިހާބު ވަނީ ފަސްވެފައެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ. އެކަންވެސް ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން،" ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު އަވަސް އަށް ވިދާޅުވީ، ކުއްލި ހާލަތު އިތުރުކުރުމުން، މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ދެން އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

"މީގެ މާނައަކީ، މިހާރު އިންތިހާބު ބާއްވަން އަޅުގަނޑުމެން ކަނޑައެޅި ތާރިހުގައި އިންތިހާބު ދެން ނުބޭއްވޭނެ. މާޗް ހައެއްގައި ދެން އިންތިހާބެއް ނުބޭއްވޭނެ. ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި އަޅުގަނޑުމެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައި އެވެ.