ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭން ނިންމައިފި އެވެ. އެ ނިންމުން ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.
މި އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ.
އެ ގާނޫނު ބުނާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފައި ވަނިކޮށް އިންތިހާބާބެހޭ އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާ ކޮށްފަ އެވެ. އިންތިހާބުގެ ތައްޔާރީތައް ފަށަން ވާނީ އެޗްޕީއޭއިން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތެއް ނެތް ކަމަށް ރަސްމީކޮށް އިއުލާނު ކުރުމުންނެވެ.
އަވަސްއާ ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބުގެ ތައްޔާރީތައް ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ލިބިގެންދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ. އަދި އެޗްޕީއޭއިން ކޮވިޑް އަޕްޑޭޓް ދިނުމަށް ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލްވުމުގައި ދެން އޮންނަ ބައްދަލުވުމެއްގައި އެކަން އިއުލާނު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ގާނޫނުގައި ބުނާ ފަދަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތާއި އެކަށީގެންވާ ވަގުތު ލިބެން ޖެހޭ ކަމަށާ އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާ އެކަމަށް އެންމެ އެކަށީގެންވާ މާހައުލެއްގައި ކަމުން އެކަމަށްޓަކައި ކުރަންޖެހޭ މަަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ގާނޫނުގައި ބުނާ ހުރިހާ ޝަރުތެއް ފުރިހަަމަވާ މިިނިވަން އަދި ހުޅުވާލެވިފައިވާ އިންތިހާބެއް ބޭއްވުމަށް. އެ ފުރުސަތު ލިބޭނެ އިނގޭތޯ،"
ބަޖެޓެއް ނެތް، އަދި ލިބޭނެ
ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ޝަރީފް ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމަށް ހުއްދަ ލިބުނު ނަމަވެސް އިންތިހާބު އެ ތާރީހުގައި ބޭއްވޭނެ ކަމަށެވެ. ނަމަވެސް ހުއްދައާއެކު ބަޖެޓްގެ ދަތިކަން ވެސް އެބައޮތް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް ޖުމްލަ 71 މިލިއަން ރުފިޔާ ބޭނުންވެއެވެ. ބަޖެޓްގައި ހިމެނުމަށް އީސީން އެދުނީވެސް އެ އަދަދެވެ. ނަމަވެސް ބަޖެޓް ފޮނުވީ 19 މިލިއަން ރުފިޔާ އުނިކޮށްފައެވެ. ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ 71 މިލިއަންގެ ބަޖެޓަކުން ކަމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ.
"ބަޖެޓްގައި ދަތިކަން އެބައޮތް. ނަމަވެސް އެއީ ކަންބޮޑުވުމެއް ނޫން. އެހެން އަޅުގަނޑު މި ދެންނެވީ ފައިސާގެ ޔަގީންކަން އޮތީ ލިބިފައި. ސަރުކާރުން އެބަ ޔަގީންކަން ދޭ ހުރިހާ އެއްބާރުލުން ދޭނެ ކަމަށް،"
ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓް ނެގުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭއިރު އަދި މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި އިންތިހާބު ބާއްވާނަމަ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުޅުވާލަން ޖެހޭ ކަމަަށެވެ. އަދި އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ހޯދުމަށްވެސް 90 ދުވަސް ބޭނުންވާ ކަމަށެވެ.