ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާސެނަލް

ހަމަ މުސާރަ ދެވޭނީ ޗެމްޕިއަންސް ލީގު ޖާގަ ލިބިގެން

ކުޅުންތެރިންގެ މުސާރަތައް ދަށް ނުކޮށް ހިފެހެއްޓޭނީ، ޗެމްޕިއަންސް ލީގް ޖާގަ ލިބުމުން ކަމަށް އާސެނަލްއިން އެ ޓީމުގެ ކުޅުންތެރިންނަށް އަންގައިފި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިހާރު ދުނިޔެ ކުރިމަތިލާފައިވާ އިގްތިސޯދީ އަޑިގަނޑުގައި، ގިނަ ކުލަބުތަކުން ދަނީ ކުޅުންތެރިންގެ މުސާރަތައް ދަށް ކުރަމުންނެވެ. އިނގިރޭސި ލީގްގެ ބައެއް ކުލަބުތަކުން ވަނީ އެ ކުލަބުގެ ނޮން ސްޕޯޓިން މުވައްޒަފުންގެ މުސާރަތައް ދަށް ކޮށްފަ އެވެ.

އާސެނަލްއިން އެ ޓީމުގެ ކުޅުންތެރިންނަށް ބާރު އަޅާފައި ވަނީ، ޗެމްޕިއަންސް ލީގް ޖާގަ ހޯދައި ދިނުމަށެވެ. އޭރުން މުސާރަތައް ދަށް ނުކޮށް ހިފެހެއްޓެނެ ކަމަށް އާސެނަލްގެ ޗެއާމަން ސްޓޭން ކުރަންކީގެ ދަރިފުޅު އަދި ކުލަބުގެ ޑައިރެކްޓާ ޖޯޝް ކުރަންކީ ކުޅުންތެރިންނަށް އެންގި ކަމަށް ޓެލެގްރާފުން ނޫހުން ބުނެ އެވެ.

އާސެނަލްއަށް އެންމެ ފަހުން ޗެމްޕިއަންސް ލީގް ޖާގަ ލިބުނީ 2016 ވަނަ އަހަރު އެވެ. މުސާރައިގެ ގޮތުގައި 230 މިލިއަން ޕައުންޑް އަހަރަކު ހޭދަވާ ކުލަބަށް، ޗެމްޕިއަންސް ލީގް ޖާގަ ނުލިބޭތީ މާލީ ބައެއް މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ.

ޔޫރަޕްގެ ޕްރީމިއަމް ކުލަބު މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. އެ މުބާރާތުގައި ވާދަ ކުރާ ކުލަބުތަކަށް، ޓީވީ ރައިޓްސްގެ ގޮތުގައި ވެސް ބޮޑު އާންމްދަނީއެއް ލިބެ އެވެ. އަދި ސްޕޮންސާޝިޕް ޑީލްތަކުގެ އަގަވެސް މައްޗަށް ޖެހެނީ ޗެމްޕިއަންސް ލީގްގައި ވާދަ ކުރާ ކުލަބުތަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ފެބްރުއަރީ މަހު އާސެނަލްއަށް 27.1 މިލިއަން ޕައުންޑްގެ ގެއްލުމެއް ވަނީ ކުރިމަތި ވެފަ އެވެ. މެޗުގެ އާންމުދަނީގެ ގޮތުގައި 25 ޕަސަންޓް އެ ކުލަބަށް ލިބެމުން އައިނަމަވެސް، މިހާލަތުގައި އެކަން ހުއްޓިފައި ވުމުން މާލީ އިތުރު މައްސަލަތެއް ކުރިމަތި ވާނެ އެވެ.

ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުގައި ވާދަ ކުރުމުގެ ދޮރު މެންޗެސްޓާ ސިޓީއަށް ބަންދު ވެފައި ވުމުން، މި ސީޒަންގައި ލީގް ފަސް ވަނަ މަގާމު ހޯދާ ޓީމަށް ޗެމްޕިއަންސް ލީގް ޖާގަ ލިބޭނެ އެވެ. މިވަގުތު ފަސް ވަނައިގައި އޮތީ، މެންޗެސްޓާ ޔުނައިޓަޑެވެ. އެހެންނަމަވެސް ޔުނައިޓަޑަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ އާސެނަލްއަށް ފަސް ވަނަ އަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.