ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުރެއްދޫގެ ހުރިހާ މުވައްޒިފުން ކޮވިޑަށް ޓެސްޓް ކުރަނީ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މުވައްޒިފުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރު ވެސް ބަލީގެ އަލާމާތްތައް ހުރި ކަމަށާއި އެކަން ރިޕޯޓުކޮށްފައި ނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރަމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައި ވެސް ދެ ދުވަހު ހުރި ކަމަށް ސާރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ބަޔަކު އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ވަނީ ފުލުހުންނަށް އަމުރު ކުރައްވާފަ އެވެ. އެ ތަހުގީގަށް ފުލުހުންނާ ޕްރޮސެކިއުޓަރުން ވަނީ އެ ރަށަށް ގޮސްފަ އެވެ.

ކުރެއްދޫއިން އެންމެ ފަހު ފަތުރިވެރިޔާ ފުރިފަހުން މިއަދަށް 14 ދުވަސްވީ އެވެ. ނަމަވެސް އެ ރަށުގައި ތިބި މުވައްޒިފުން ދޫކޮށްލުމާމެދު އެޗްޕީއޭއިން ގޮތްތަކެއް ނިންމާ އެކަން އަންގާފައި ނުވާތީ އެ މުވައްޒިފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގެ މައްސަލަ އެހެން ހުރިހާ ރިސޯޓްތަކާ ތަފާތު ކަމަށެވެ. އެހެން ކަމުން ޓެގުން ނިންމާފައި ވަނީ ކުރެއްދޫގައި ތިބި ހުރިހާ މުވައްޒިފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު ލިބޭ ނަތީޖާއަށް ބަލައި ދޫކޮށްލަން ކަމަށެވެ.

"ކުރެއްދޫއިން ގުޅުއްވާ ވަރަށް ގިނަ ބޭފުޅުން. މިއަދަށް ދުވަސް މި ހަމަވަނީ. އެހެން ހުރިހާ ރަށަކާ ކުރެއްދޫގެ ކޭސް ތަފާތު. އެއީ ކުރެއްދޫއަކީ އިމްޕޯޓްވި ކޭސްއަކުން ލޯކަލް ޓްރާސްމިޝަން ހިނގާފައިވާ ރަށަކަށް ވާތީ. ޓެގްގެ މިހާރުގެ ނިންމުމަކީ ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓްކުރުން." މަބުރޫކް ވިދާޅުވިއެވެ.

ކުރެއްދޫ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާ ކޮށްފަ އެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ކުރެއްދޫ މައްސަލަ ވަކި ކޮޅެއްގައި ޖެހެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.